ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް އޮބްޒާވް ކުރުމަށް ބޭރުގެ 15 ޤައުމަކަށް ދައުވަތު ދީފިއެވެ.
ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެެވެ. އަދި އިންތިޚާބުގެ 2 ވަނަ ބުރެއް ބާއްވަން ޖެހޭނަމަ ސެޕްޓެމްބަރު 30 ގައި ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ގެންދަނީ އިންތިޚާބާއި ގުޅުންހުރި ކަންކަން ދުރާލައި އިންތިޒާމެއްގެ ތެރެއިން ކުރުމަށް މަސައްކަތް ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވައިފައިވާކަމަށެވެ.
ރިޔާސީ އިންތިޚާބު 2023 އޮބްޒާވްކުރުމަށް، 15 ގައުމެއްގެ އިލެކްޝަންސް އިދާރާއަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހަފްތާ ގައި ރަސްމީކޮށް ދައުވަތު ފޮނުވައިފި. @ElectionsMv @mvpeoplesmajlis @MoFAmv pic.twitter.com/mwglr0yaqQ
— Ismail Habeeb (@IsmailHabeeb) May 27, 2023
މިއީ ދުނިޔޭގެ އެކި ޤައުމުތަކުގައި ބާއްވާ އިންތިޚާބު ތަކުގައިވެސް އާންމުކޮށް އަމަލު ކުރަމުންދާ އުސޫލެކެވެ. މިގޮތުން ބޭރުގެ އެކި ޤައުމުތަކުގައި ބާއްވާ ބޮޑެތި އިންތިޚާބުތައް ކަވަރު ކުރުމަށް ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންވެސް ވަރަށް ގިނައިން ވަޑައިގަންނަވައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު މޮނިޓަރކުރަން ބޭނުންވާ ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.
އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން ބޭނުންވާ ބޭރުގެ ފަރާތްތަކަކީ އެމީހަކު ތަމްސީލްކުރާ މީޑިއާއެއް ނުވަތަ ޖަމްއިއްޔާއަކުން އެކްރެޑިޓް ކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އެއީ 18 އަހަރު ފުރި އެއްވެސް ކެނޑިޑޭޓަކަށް އަދި ޕާޓީއަކަށް ކެމްޕެއިން ކުރާ މީހަކަށް ވެގެން ނުވާނެކަމަށްވެސް އިލެކްޝަސް ކޮމިޝަނުން ވިދާޅުވެއެވެ.
ރިޔާސީ އިންތިޚާބުގައި 280،000 މީހުންނަށް ވޯޓުމުގެ ހައްގު ލިބިފައިވެއެވެ. މިއިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވޯޓު ފޮށި ބަހައްޓާނެ އިންތިޚާބެއެވެ. މިފަހަރުގެ އިންތިޚާބުގައި 600 އަށްވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.