އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާން އޭނާގެ އުމުރުގެ ހަގުކަމާއި ނަފްސާނީ ހާލަތު ތަން ނުދޭތީ ގޮތް ބަލާލަން 100 ދުވަހުގެ މުއްދަތަކަށް ބަންދުން ދޫކޮށްލަދިނުމަށް ކޯޓުގައި އެދިއްޖެއެވެ.
2021 ވަނަ އަހަރު ލަމްހާ ހައްޔަރު ކުރިއިރު އޭނާގެ އުމުރުން 24 އަހަރެވެ. ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެއެވެ. މިއަދު ކުރިއަށް ގެންދިޔަ ހެކިބަސް ނެެގުމުގެ އަޑުއެހުމުގައި ލަމްހާ ބަންދުގައި ބަހައްޓާފައިވަނީ މުޖުތަމައު އަށް ނުރައްކާވާ ކަަމަށް ބުނެ، މި ހާލަތު އަދިވެސް ވުޖޫދުގައި އެބައޮތްތޯ ނެތްތޯ ބަލަންޖެހޭ ކަމަށެވެ.
ލަމްހާ އަކީ އޭނާ އާއި ބެހޭގޮތުން މުޖުތަމައުގައި ވަރަށް ގިނަ ގޮތްގޮތަށް ވާހަކަދެއްކޭ، ގޯސް ރެޕިއުޓޭޝަނެއް އޮތް މީހަކަށްވާއިރު އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުއަށް ނިކުތުމަށް ލަދުވެތިވާނެތީ އޭނާގެ ސަބަބުން މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ލަމްހާގެ ވަކީލު މިއަދު ވިދާޅުވިއެވެ.
ނަމަވެސް ދައުލަތުން ބުނީ ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރި ސަބަބަށް ބަދަލެއް ނާން ކަމަށާއި، ލަމްހާގެ ބަންދު ދަމަހައްޓަން ޖެހޭ ކަމަށެވެ. މައްސަލަ ބައްލަވާ ފަނޑިޔާރު ވެސް ނިންމެވީ މިވަގުތު ލަމްހާ ބަންދުގައި ބަހައްޓާށެވެ. ނަމަވެސް ލަމްހާގެ ބަންދާއިމެދު އޭނާގެ ފަރާތުން ފާހަގަ ކުރި ކަންކަމަށް ރިއާޔަތްކޮށް ފަހުން ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މީގެ އިތުރުން ލަމްހާގެ ވަކީލް ވިދާޅުވީ ލަމްހާއަކީ މިހާރު އައިޖީއެމްއެޗްގައި މަސައްކަތް ކުރާ މީހެއް ނޫން ކަމަށާއި އޭނާގެ އުމުރުގެ ހަގުކަމާ އެކު އެހާ ގިނަ ދުވަހު ބަންދުގައި ހޭދަކުރަން ޖެހުމުން އޭނާގެ ނަފްސާނީ ހާލަތު ރަނގަޅު ނޫން ކަމަށެވެ.
މި އެދެނީ 100 ދުވަހަށް ބަންދުން ދޫކޮށްލަ ދިނުމަށް؛ އެޔަށް ފަހު ކަން ވާގޮތަކުން އަލުން ބަންދަށް ނެގުމުގައި އިއުތިރާޒެއް ނެތް. ވަކީލް ވިދާޅުވިއެވެ.
ބަންދުން ދޫކޮށްލުމާ މެދު އިއުތިރާޒު ކުރައްވާ ދައުލަތުގެ ވަކީލު ޝާމާ ނަސީރު ވިދާޅުވީ، ލަމްހާ އަކީ މުޖުތަމައުއަށް ނުރައްކާވެދާނެ ހާލަތެއް އޮތުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް މީގެ ކުރީން ނިންމާފައިވާ މީހެއް ކަމަށެވެ.
މޭރީ މަރާލާފައި ވަނީ 2021 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހުއެވެ. މި މައްސަލާގައި ލަމްހާގެ މައްޗަށް ދައުވާ ކުރަނީ އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ އޭނާ ފިރިމީހާ މާވިންއާ ގުޅިގެން މޭރީ މަރާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައެވެ.
ކޮމެންޓު ފޮނުވާ