ވަރުގަދަ ކޮޅިގަނޑެއް މިރޭ ލަންކާ އަށް! މުޅި ލަންކާ "ރެޑް އެލާޓް"ގައި

ވަރުގަދަ ކޮޅިގަނޑެއް މިރޭ ލަންކާ އަށް! މުޅި ލަންކާ "ރެޑް އެލާޓް"ގައި

Author
ޢަލީ އާދަމް
01 ޑިސެމްބަރ 2020 07:12
0

ބޭ އޮފް ބެންގާލްގައި އުފެދި ތޫފާނަކަށް ބަދަލުވުވަމުން އަންނަ ކޮޅިގަނޑު ލަންކާއާ އާއި ހަމައަށް މިރޭގެ ވަގުތެއްގައި ދަތުރުކުރާނެ ކަމަށް ލަފާކުރެވިފައި ވާތީ އެ ގައުމުން މޫސުމީ އެންމެ ވަރުގަދަ އިންޒާރު ރެޑް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ އެ ކޮޅިގަނޑު މާދަމާ ހަވީރުގެ ވަގުތެއްގައި ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާއްޖެއަށް އެ ތޫފާނުގެ އިތުރުން، ރާއްޖޭގެ އިރު ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރުވެސް ކުރިއަށްއޮތް ދުވަސްތަކުގައި ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ. އެގޮތުން ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާ ބަންދާއިއެކު ރާއްޖެ ސަރަހައްދުގައި ވައި ގަދަވެ ކަނޑުތައްވެސް ގަދަ ވާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ބުނެއެވެ. އެ އިދާރާއިން ބުނީ ތޫފާނުގެ އިތުރުން ކޮޅިގަނޑުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ފަހުގެ މައުލޫމާތު އެއިދާ ރާއިން އާންމު ކުރަމުން ގެންދާނެކަމަށެވެ.

ލަންކާ އާއި ދިމާއަށް މިހާރު ދަތުރުކުރަމުންދާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުން އެ ތޫފާނަށް ނަމަކަށް ކިޔާނީ "ބުރެވި" އެވެ. މިއީ ރާއްޖެއިން ދީފައިވާ ނަމެކެވެ. ތޫފާން ބުރެވީގެ ސަބަބުން ލަންކާގެ ބޮޑު ސަރަހައްދަކަށް ގަޑިއަކު 80 ކިލޯމީޓަރާއި 100 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރައިން ވަނީ މައުލޫމާތު ދީފައެވެ. އަދި ލަންކާގެ ބޮޑު ސަރަހައްދަކަށް 200 މިލިމީޓަރުގެ ވާރޭ ވެނޭނެ ކަމަށްވެސް އެގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ތޫފާން "ބުރެވި" ލަންކާ ހުރަސްކޮށް ހުޅަނގަށް ދަތުރުކޮށް ބުރާސްފަތި ދުވަހު ދެކުނު އިންޑިއާގެ އައްސޭރި ފަށާއި ކައިރިވާނެ ކަމަށް ވެސް މޫސުމާބެހޭ އިދާރާތަކުން ލަފާކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.