ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދާނެކަމަށް މަޖިލީހުން އަންގައިފިއެވެ.
މަޖިލީހުގެ ނާއިބް ރައީސްކަމުގެ މަޤާމުން އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ނިންމި ނިންމުމާއެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ މަޖިލީހަށް ވައްދައިފައެވެ. އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދީ 50 މެމްބަރުންގެ ސޮޔާއި އެކުއެވެ.
މަޖިލީހުން ބުނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައިވާކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމުގައި މަޖިލީހުން ވަނީ ދަންނަވާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފަ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަން.
– މަޖިލީހުން ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަޤާމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރެއްވުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު މަޖިލިހަށް ހުށަހެޅި ޕެޓިޝަންގައި އެޕާޓީގެ މާލަމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ 6 މެމްބަރަކު ސޮއި ކުރައްވާފައި ނުވެއެވެ.
އީވާގެ ނޯ ކޮންފިޑެންސް މޯޝަން މަޖިލީހަށް ވައްދާފައި ވާއިރު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކޮށްފައިވާ މެމްބަރުންގެ ތެރެއިން 5 މެމްބަރުން ނަން އަބުރާ ގެންދާނެ ކަމަށާއި އަދި ވޯޓު ނަގާދުވަހު އިތުރު 5 މެމްބަރުން މަޖީލިހަށް ހާޒިރު ނުވާނެކަމުގައެވެ.
މަޖިލިސް މެމްބަރުންގެ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވި މެސެއްޖެގައި، 50 މެމްބަރަކު ސޮއި ކޮށްފައިވާ ޕެޓިޝަނަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ ޕެޓިޝަންގައި ސޮއި ކޮށްފައިވާ މެމްބަރުންގެ ތެރެއިން 5 މެމްބަރުން ޖެހޭނީ ކަނޑާލަން ކަމުގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ބަޔާންކުރާގޮތުން މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސްގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އެ މަޤާމުން ވަކިކުރަން ހުށައެޅޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރު ބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން ޢަދަދެއްގެ މެންބަރުން ސޮޔާއެކު ހުށައަޅުއްވާ ޤަރާރަކުންނެވެ. އެއީ މިހާރު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއެވެ.
އަދި ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް، އެމަޤާމުން ވަކިކުރެވޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓާއެކު ފާސްވެގެންނެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ. މިއީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން ހަމަވާ ޢަދަދެކެވެ. މަޖިލީހުގައި މިހާރު އެމްޑީޕީގެ 55 މެމްބަރުން ތިއްބަވައެވެ.