ޖަލު ތަކުގެ ޤައިދީންނަށް ކުރާ ޚަރަދު ބޮޑުކަމަށް ބުނެ ގައިދީންގެ ބޮލުގައި ބޮޑެތި ޚަރަދުތައް އަޅުވައިގެން ކުރަމުންދަނީ ބޮޑު ވައްކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ކޮންމެ ޤައިދީއަކަށް އެވްރެޖުކޮށް މަހަކު 20،000 ރުފިޔާ މިދިޔަ އަހަރު ޚަރަދުވެފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ. ކޮމިޝަނަރ ވިދާޅުވީ މިދިޔަ އަހަރު އެ މުއައްސަސާއަށް ކަނޑައަޅާފައިވާ ބަޖެޓުން ކޮންމެ ޤައިދީއަކަށް ވެސް ބޮޑު ޚަރަދެއް ހިނގާފައިވާ ކަމަށެވެ. ޚާއްޞަކޮށް ކޮންމެ ޤައިދީއަކުވެސް އަނބުރާ މުޖުތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތަށް ކުރަންޖެހޭ ހޭދަ ބޮޑުކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ޖަލުތަކުގައި ތިބި ޤައިދީންނަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދާއިރު އޭގެ ސަބަބުން މުޖުތަމަޢަށް ހެޔޮ ބަދަލެއް ގެނައުމަށް ޖަލު އޮފިސަރުންގެ ފަރާތުން ހަރުދަނާ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ވެސް ކޮމިޝަނަރ ވިދާޅުވިއެވެ. އަދި މިހާރުވެސް ޕެރޯލްގެ ޤާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރެވެމުން އަންނަކަންވެސް ސީޕީ ވަނީ ފާހަގަކުރައްވައިފައެވެ.
މިވާހަތަކާއި ގުޅިގެން ސަލީމް ވިދާޅުވީ ކޮންމެ ޤައިދީއަކަށް މަހަކު 20،000 ރުފިޔާ ޚަރަދ ކުރާކަމަށް ބުނެ ދައްކާ ވާހައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަމަށެވެ. ކޮންމެ ގައިދީއަށް މަހަކު 5،000 ރުފިޔާއިން ދެކޮޅު ޖެއްސޭނެކަމަށް ސަލީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގިނަ ޚަރަދުތައް ކުރަމުންދަނީ އެއްވެސް ބިޑެއް ނުކޮށް ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށެވެ.
ކޮންމެ ގައިދީއަކަށް މަހަކު 5،000 ރުފިޔާއިން ހަމަޖެއްސޭނެ. ބާކީ 15،000 ރުފިޔާ ނަގަނީ ވަގަށް. މިކަންކަން ހިންގަނީ ވަރަށް މަކަރުވެރިކޮސް ބިޑު ނުކޮށް ބައި އެޅޭގޮތަށް ވަކި ބަޔަކަށް ހަތަރު ގުނަ އަގުބޮޑުކޮށް ދީގެން ޚަރަދު ބޮޑު ވާހަކަ ގައިދީންގެ ބޮލުގައި ނާޅުވާ.
– މެމްބަރު ސަލީމް ވިދާޅުވިއެވެ.
ގައިދީންނަށް ބޮޑު ޚަރަދެއް ކުރާކަމަށްބުނެ ސީޕީ އަހުމަދު ދެއްކެވި ވާހަތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފައެވެ. ޚާއްސަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުނުވެ ޖަލުގައި އެކަށީގެންވާ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވަމުންދާއިރު މިޚަރަދު ކުރަމުންދަނީ ކޮންގަތަކަށްކަން ހާމަކޮށްދޭންޖެހޭކަމަށް ސީޕީ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ