ޒަމާނީ ކޮންޓެއިނަރ ޕާކަށް ކޯ-ވަރކިންގ ސްޕޭސެއް

ޒަމާނީ ކޮންޓެއިނަރ ޕާކަށް ކޯ-ވަރކިންގ ސްޕޭސެއް

Author
ހުސެއިން
19 މެއި 2023 08:00
0

އަރބަންކޯއިން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނަރ ޕާކަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އެތަނުން ލިބޭ ޚިދުމަތްތައް އިތުރުކުރުމުގެ ގޮތުން އެތަނުގައި ކޯ-ވަރކިންގ ސްޕޭސް އެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިގޮތުން ހުޅުމާލޭގައި ކޯ- ވަރްކިން ސްޕޭސްއެއް ހަދައި ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އަރބަންކޯ އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.

އަލަށް ފަށައި ގަންނަ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން ތަރައްގީކުރާ މި ކޯ ވަރކިން ސްޕޭސްގެ އެއްބަސްވުމުގައި އަރބަންކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފެވެ. އިކޮނިމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ، ނީޒާ އިމާދެވެ. އަދި ބީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ފަޒްލީނާ ފާކިރެވެ.

ރެޑްވޭވް މެގަމޯލް ފަހަތުގައި ތަރައްގީކުރަމުން އަންނަ ކޮންޓެއިނަރ ޕާކަކީ ރާއްޖެގައި ތަރައްގީކުރާ ފުރަތަމަ ކޮންޓެއިނަރ ޕާކެވެ. އެތަނުގެ މަސައްކަތް މިހާރު ނިމުމަކާ ގާތްވެފައިވާއިރު، އެތަނުގައި ހަދާ ކޯ ވަރކިންގ ސްޕޭސްއަކީ ރާއްޖޭގައި ހުޅުވާ މިފަދަ ދެވަނަ ތަނެވެ. ކޯ-ވަރކިންގް ސްޕޭސެއްގެ އިތުރަށް މި ކޮންޓެއިނަރ ޕާކުގައި އިތުރަށް ދެ ކެފޭ ވެސް ހިންގުމަށް ވަނީ ނިންމާފައެވެ.

ފަށައިގަންނަ ވިޔަފާރިތަކަކީ ވަކި އޮފީސް ސްޕޭސްއެއް ހިންގުމުގެ ބުރަތައް އުފުލަން އެންމެ އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާނެ ވިޔަފާރިތަކަށް ވާއިރު، އެފަދަ ވިޔަފާރިތައް ކުރިއެރުމަށް ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ މަސައްކަތްކުރަން އެކަށީގެންވާ މާހައުލެއް ފޯރުކޮށްދިނުމެވެ.

ހުޅުމާލޭގައި ތަރައްގީކުރާ ކޮންޓެއިނަރ ޕާކުގައި މިފަދަ ތަނެއް ހެދުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ތަރައްގީއާއި، ޒުވާނުންގެ ކުރިއެރުމަށްވެސް މަގުފަހިކުރުންކަމަށް އާބަންކޯއިން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.