ކަންނެލި މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏަކުން މޫދަށް ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާދިނުމުން ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.
މިޔަރުގެ ހަމަލާއެއްގައި ޒަހަމްވީ ގދ. ތިނަދޫ، ކަޅިރަވަ ދޯނީގެ ބަންގްލަދޭޝް މަސްވެރިއެކެވެ. ދޯނީގެ އޮޑިވެރިޔާ ބުނީ މިޔަރުގެ ހަމަލާ ފަޅުވެރިޔާއަށް އަމާޒުވީ ކޫއްޑޫ ކައިރިން މަސް އައިނެއް ފެނިގެން މަސް ބާނަން އުޅުމުގެ ތެރޭގައި ފަޅުވެރިޔާ މޫދަށް ވެއްޓުނު ވަގުތު ކަމަށެވެ.
ފަޅުވެރިޔާގެ ގައިގެ ތިން ތަނަކަށް މިޔަރު ވަނީ ހަމަލާ ދީފައެވެ. މިޔަރު ހަމަލާ ދިނުމުގެ ސަބަބުން އޭނާގެ އަތާއި ފައިގެ ދެތަނެއް ވަނީ ޒަހަމް ވެފައެވެ. އޭނާގެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައި ހުރި ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.
ޒަހަމްވި މީހާއަށް މިހާރު އަންނަނީ ގއ. ވިލިގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ރާއްޖޭގައި މިޔަރު ހިމާޔަތް ކުރުމުގެ ސަބަބުން މިޔަރުގެ އާބާދީ އިތުރުވެ، އެކަމުގެ ޝަކުވާ މަސްވެރިން ކުރަމުން އަންނަތާ މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް މިޔަރު ހިމާޔަތް ކޮށްފައި އޮތް އޮތުމަށް ބަދަލެއް ގެންނަން ފަތުރުވެރިކަމުގެ ދާއިރާގެ މީހުން ދެކޮޅެވެ.
ކޮމެންޓު ފޮނުވާ