އާޒިމް އެމްޑީޕީން ވަކިވެފައިވާކަމަށް ކޮމެޓީން ނިންމައިފި

އާޒިމް އެމްޑީޕީން ވަކިވެފައިވާކަމަށް ކޮމެޓީން ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
15 މެއި 2023 10:14
0

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ކުރީގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ ޢާޒިމް އެމްޑީޕީން ވަކިވެފައިވާކަމަށް އެޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން، އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ހިންގާ ހަރަކާތްތަކާއި، ރައްޔިތުންގެ މަޖިލީހުގައި ނެގޭ ބައެއް ވޯޓުތަކުގައި އެމްޑީޕީގެ ވިޕްލައިންތަކާއިވެސް ބައެއް މެންބަރުން ގެންދަވަނީ ޚިލާފުވަމުންނެވެ.

އާޒިމަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕުން އެދުނީ ޗާގޮސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވުމާއި ސަރުކާރާ ދެކޮޅަށް ރާވާ މުޒާހަރާތަކުގެ ޕްރެސް ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަތުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާޒިމަށް ފިޔަވަޅު އެޅުމަށް ފިޔަވަޅު ކޮމެޓީއަށް މައްސަލަ ހުށަހެޅުމުން ޕާޓީގެ އަސާސީ ގަވާއިދު ބުނާގޮތުން ޕާޓީން ވަކިވެފައިވާކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ. އަދި އޭނާ ޕާޓީން ވަކިވެފައިވާކަމަށް ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނިންމުން މާދަމާ އާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އާޒިމް އަމަލުކުރެއްވީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާއާ ޚިލާފަށް ކަަމަށް ޕާލަމެންޓްރީ ގްރޫޕުން ދެކެއެވެ. މި މާއްދާއާ ހަވާލާދީ ފޮނުވި މައްސަލައަށް ބަލާއިރު ކޮމިޓީން ނިންމީ އޭނާއަކީ މިހާރު ވެސް އެ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށެވެ. އަސާސީ ގަވާއިދުގައި ބުނާ ގޮތުން އިދިކޮޅު ސިޔާސީ ހަރަކާތް ނުވަތަ އެހެން ޕާޓީއަކުން އެމްޑީޕީގެ ސަރުކާރާ ދެކޮޅަށް ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ ނުކުރެއްވޭނެ ކަމެކެވެ. އެހެންވެ ކޮމިޓީން ނިންމީ އެކަން ތަންފީޒުކުރަން ޕާޓީގެ ސެކްރެޓޭރިއެޓަށް އެންގުމަށެވެ.

އެމްޑީޕީން އޭނާ އާ މެދުގައި ފިޔަވަޅު އަޅަން ހިތަށް އެރުމަކީ ވެސް ކުށެއް ކަމަށް ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ މިއަދު ވިދާޅުވެފައެވެ. ފަސް މެމްބަރުންނަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕީޖީން ފޮނުވިއިރު، އެމްޑީޕީގެ އަސާސީ ގަވައިދާއި ޕާލަމަންޓްރީ ގްރޫޕްގެ ގަވައިދާ ހިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ފިކުރެއްގެ ދިރުމުގެ މެމްބަރުންތަކެއް ވިޕްލައިނާ ހިލާފްވަމުންދާތީ ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުންނަށް ނަސޭހަތްތެރިވެފައިވެއެވެ. އެ ބޭފުޅުން ކުރިން ވިދާޅުވެފައި ވަނީ، ސަރުކާރަށް ފާޑު ވިދާޅުވިޔަސް ފިޔަވަޅު އަޅަން އެމްޑީޕީއަށް ނުކުރޭނެ ކަމަށެވެ.

އެމްޑީޕީއާ މެދުގައި ހިޔާލު ތަފާތުވުން އުފެދި، ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން މީގެކުރިން ވަނީ ވަކިން ޕާލަމެންޓްރީ ގްރޫޕެއް ވެސް ހަދައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.