އިއްޔެ ތުރުކީގައި ބޭއްވުނު ރިޔާސީ އިންތިޚާބު އެއްވެސް ކެނޑިޑޭޓަކަށް %50 އަށްވުރެ މަތިން ކާމިޔާބު ނުކުރެވި ދެވަނަ ބުރަކަށް ދާން ޖެހިއްޖެއެވެ.
މި އިންތިޚާބުގައި 4 ކެނޑިޑޭޓަކު ވާދަކުރިނަމަވެސް، އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ ތުރުކީގެ މިހާރުގެވެސް ރައީސް ތައްޔިބު އެރެދޮގާންއާއި އޭނާއާއި ވާދަކުރާ، ގިނަ އިދިކޮޅު ޕާޓީތައް އެކުވެގެން އުފައްދާފައިވާ، އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް ކަމާލް ކިލިކްޑަރޮގްލުއާއި ދެބޭފުޅުންގެ މެދުގައި ކުރިޔަށްދާ ވާދެވެރި އިންތިޚާބެއްގެ ގޮތުގައެވެ.
އިއްޔެގެ ވޯޓަށްފަހު ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލްއިން އާންމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އެގައުމުގެ މިހާރުގެ ރައީސް އެރެދޮގާންއަށް ކާމިޔާބު ކުރެއްވިފައިވަނީ %49.49 ވޯޓެވެ. އަދި ކަމާލް ކިލިކްޑަރޮގްލުއަށް ކާމިޔާބު ކުރެއްވިފައިވަނީ %44.79 ވޯޓެވެ.
ތުރުކީގެ ގާނޫނު އަސާސީ ބުނާގޮތުން އިންތިޚާބުގެ ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް %50 އާއި އިތުރު އެއްވޯޓު ނުލިބިއްޖެނަމަ، އޭގެ 2 ހަފްތާފަހުން އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭނެއެވެ.
އަންކާރާގައި އޭކޭ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އެރެދޮގާން ވިދާޅުވެފައިވަނީ ދެވަނަ ބުރަކަށް ދާޖެހިއްޖެނަމަ އޭނާ ހުންނެވީ ތައްޔާރަށް ކަމަށާއި، އެހެންނަމަވެސް އޭނާ އަދިވެސް ގަބޫލު ކުރައްވަނީ ފުރަތަމަ ބުރުން އިންތިޚާބު ކާމިޔާބު ކުރެއްވޭނެކަމަށް ކަމުގައެވެ.
އެރެދޮގާންއާއި ވާދަކުރައްވާ އިދިކޮޅު ކެނޑިޑޭޓް ކިލިކްޑަރޮގްލު ވިދާޅުވެފައިވަނީ ރައްޔިތުންގެ އިތުބާރު އޮތްކަން ސާބިތު ކޮށްދޭން އެރެދޮގާން ފެއިލްވެއްޖެ ކަމަށާއި، އިންތިޚާބުގެ ދަވަނަ ބުރަކަށް އޭނާ ހުންނެވީ ތައްޔާރަށް ކަމުގައެވެ.
ތުރުކީން މިއަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލާފައިވަނީ ތުރުކީގެ ތާރީޚުގައި އެގައުމަށް އައި އެންމެ ވަރުގަދަ ބިންހެލުން އައިތާ 4 މަހެއްހާ ދުވަސް ފަހުންނެވެ. އަދި ދުނިޔޭގެ އިގްތިސާދު ހީނަރުވެ، ތުރުކީގައިވެސް އިންފްލޭޝަން އިންތިހާއަށް މަތިވެގެން ގޮސްފައިވަނިކޮށްވެސް މެއެވެ.
ތުރުކީގެ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އެގައުމުގެ 64 މިލިއަން ރައްޔިތުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވެއެވެ. އޭގެ ތެރެއިން 5 މިލިއަން މީހުންނަކީ މުޅިން އަލަށް ވޯޓުލާ، އުމުރުން 18 އަހަރާއި 22 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.
މި އިންތިޚާބުގައި ތިންވަނައަށް ގޮސްފައިވަނީ އަލަށް އިންތިޚާބުގައި ވާދަކުރާ، ކަނާތު ފިޔައިގެ އާޓާ އެލަޔަންސްގެ ކެނޑިޑޭޓު ސިނާން އޯގަންއެވެ. އޭނާވަނީ ގިނަ ބަޔަކު ހީކުރިވަރަށްވުރެ ބޮޑު ކާމިޔާބެއް ހޯދާ %5.2 ވޯޓު ކާމިޔާބު ކުރައްވާފައެވެ. އެހެންކަމުން ދެވަނަ ބުރެއްގައި އެންމެ މަތިން ވޯޓު ހޯއްދެވި ދެ ކެނޑިޑޭޓުންނަށްވެސް އޭނާގެ ތާއީދު މިހާރުވަނީ ވަރަށް މުހިންމު ވެފައެވެ.