އަންހެނުންގެ ކޮމިޓީ ބައި އިލެކްޝަންތަކުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އަންހެނުންގެ ކޮމިޓީ ބައި އިލެކްޝަންތަކުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

Author
މުޙައްމަދު ޝަޒައިމް
11 މެއި 2023 10:55
0

އަންނަ މަހު ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނުގައި ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެންތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ އަންނަ މަހުގެ 17 ގައި ހަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައެވެ. އެއީ ހދ. ފިނޭ، ކ. ދިއްފުށި، މ. ވޭވަށް، ތ. ގާދިއްފުށި، ލ. މާމެންދޫ، އަދި ގދ. ހޯޑެއްދޫގެ ބައި އިލެކްޝަނެވެ.

އިލެކްޝަންސް ކޮމިޝަން ބުނީ ރީ ރަޖިސްޓްރޭޝަންގެ ފުރުސަތު 13 މެއި 2023 ވާ ހޮނިހިރު ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ލިބޭނެއެވެ. މި އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ޖެހޭނީ އީސީގެ ރީ ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް، ނުވަތަ އެ ކޮމިޝަނުގެ މައި އިދާރާއަށެވެ.

ގާނޫނަށް ގެނައި އިސްލާހާއެކު މިހާރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަނީ އަހަރަކު އެއްފަހަރުއެވެ. މިގޮތަށް ގާނޫނަށް އިސްލާހު ގެނައީ ކޮމިޓީތަކުން އިސްތިއުފާ ދޭ މެންބަރުންގެ އަދަދު އިތުރުވެ، ބައި އިލެކްޝަންތައް މާގިނައިން ބާއްވަން ޖެހޭތީއެވެ. މީގެ ސަބަބުން ޚަރަދުބޮޑުވެފައިވާ ކަމަށް އީސީން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން، ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ހާމަކޮށްފައިވެއެވެ.

އީސީން އަންނަ ޖޫން މަހު ބައި އިލެކްޝަން ބޭއްވުމަށް ތާވަލުކޮށް އެންމެ ފުރަތަމަ ހުޅުވާލީ 9 ރަށެއްގެ ބައި އިލެކްޝަން ބޭއްވުމަށެވެ. ނަމަވެސް ތިން ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުސްވެފައިވާ ގޮނޑިތަކަށް ތަރުހީބު ކުޑަވެ އިންތިޚާބަކާ ނުލައި މެމްބަރުން ވަނީ އައްޔަންކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.