ސެންޓަ އެންޓަޕްރައިސަސްއަށް ދޭންޖެހޭ 31 މިލިއަން ރުފިޔާ ކޯޓުގައި ބެހެއްޓުމަށް އަންގައިފި

ސެންޓަ އެންޓަޕްރައިސަސްއަށް ދޭންޖެހޭ 31 މިލިއަން ރުފިޔާ ކޯޓުގައި ބެހެއްޓުމަށް އަންގައިފި

Author
އަހުމަދު
22 ޖޫން 2026 08:55
0

ދައުލަތުން ސެންޓަ އެންޓަޕްރައިސަސްއަށް ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ 31 މިލިއަނަށްވުރެ ގިނަ ރުފިޔާ، މައްސަލަ އެއްކޮށް ނިމެންދެން ކޯޓުގައި ބަހައްޓަން ހައިކޯޓުން އަމުރުކޮށްފިއެވެ.

މި ފައިސާއަކީ ކަޅުހަންތަކެއް ފޯރުކޮށްދިން މައްސަލައަކާ ގުޅިގެން ކުންފުންޏަށް ދައްކަން ސިވިލް ކޯޓުން ދައުލަތުގެ މައްޗަށް ކުރިން ހުކުމްކޮށްފައިވާ އަދަދެކެވެ. ނަމަވެސް، ފައިސާ ހިސާބުކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ދައުލަތުން ވަނީ މި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިފައެވެ.

އިސްތިއުނާފީ މައްސަލަ ނިމެންދެން ފައިސާ ދޫކުރުން ފަސްކުރުމަށް ދައުލަތުން އެދުނު މައިގަނޑު ސަބަބަކީ، އެ ކުންފުނީގެ މާލީ ގާބިލުކަން ހުރިގޮތުން މައްސަލަ ކާމިޔާބުވެއްޖެނަމަ ފައިސާ އަނބުރާ ހޯދަން ދަތިވެދާނެތީއެވެ. މީގެ އިތުރުން، ކޯޓަށް ހުށަހަޅާފައިވާ ބައެއް އިންވޮއިސްތަކާއި ލިޔެކިޔުންތަކުގެ ސައްހަކަމާމެދު ސުވާލު އުފެދި، އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަކާ ގުޅިގެން އެކަމުގެ ޖިނާއީ ތަހުގީގެއްވެސް ދަނީ ކުރިއަށެވެ.

މި ކަންކަމަށް ރިއާޔަތްކޮށް ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ، ދެ ފަރާތުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން، ދައުލަތުން ދައްކަންޖެހޭ ފައިސާ ސިވިލް ކޯޓަށް ޖަމާކުރުމަށް އަންގަވާފައެވެ. އަދި ހައިކޯޓުން މައްސަލައަށް ފަހު ގޮތެއް ނިންމަންދެން އެ ފައިސާ އެއްވެސް ފަރާތަކަށް ދޫނުކޮށް ކޯޓުގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.