އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް، މިހާރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގައި ހުންނެވި މުހައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ރުހުން ދީފިއެވެ.
އީސީގެ ރައީސްކަމާއި މެންބަރުކަމުގައި ހުންނެވި މުހައްމަދު ޒާހިދު އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ އެ މަގާމަށް ޝަކީލްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ ނުވަވަނަ ދުވަހުއެވެ. ޝަކީލްއަކީ ހައްޖު ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގެ އިތުރުން، މިހާރު ވެރިކަންކުރާ ޕީއެންސީގެ ރަޖިސްޓްރާ އަދި އެ ޕާޓީގެ ސެނެޓް މެންބަރެއްވެސްމެއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މީގެ ކުރިންވެސް އީސީގެ މެންބަރުކަން ކުރެއްވި ޝަކީލް ވަނީ އޭރު މަގާމުން އިސްތިއުފާ ދެއްވި ސަބަބު ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އޭރު އިސްތިއުފާ ދެއްވީ ކޮމިޝަނުގެ ތެރެއިން މިނިވަންކަމާއެކު މަސައްކަތް ނުކުރެވޭނެކަމުގެ އަޑުތައް އިވުމުން، ގާނޫނުއަސާސީން ލާޒިމުކުރާ މިނިވަންކަން ނެތި މަސައްކަތްކުރުމަކީ އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ޝަކީލް ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2018 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް އީސީގެ މެންބަރުކަން ކުރައްވާފައެވެ. އަދި އޭގެ ކުރިން 2013 އިން 2014 އަށް އެ ކޮމިޝަނުގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ ފުރުއްވާފައެވެ.
ކޮމެންޓު ފޮނުވާ