ވަގު ޓީޓީ ފޮނުވައިގެން މަކަރާއި ހީލަތުން ވިޔަފާރިކުރި މައްސަލައިގައި ހުސައިން ޝިފާއުގެ މައްޗަށް އިއްވާފައިވާ 109 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފީ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިގަނެފިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކްރިމިނަލް ކޯޓުން ޝިފާއުގެ މައްޗަށް ސާބިތުވެފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އޭނާއާ ދެކޮޅަށް އުފުލި ޖުމްލަ 23 ދައުވާއެކެވެ. މި ދައުވާތައް ސާބިތުވުމާ ގުޅިގެން، ކޮންމެ މައްސަލައަކަށް ވަކިވަކިން އިއްވި ހުކުމްތައް އެއްކޮށްލުމުން އޭނާގެ ޖަލު ހުކުމުގެ ޖުމްލަ މުއްދަތު 109 އަހަރަށް އަރައެވެ. އޭގެ އިތުރުން، ހަތް މިލިއަން ރުފިޔާއިން އޭނާ ވަނީ ޖޫރިމަނާވެސް ކޮށްފައެވެ.
މި ބޮޑު ހުކުމް ޝިފާއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. ހައިކޯޓުގެ ރަޖިސްޓްރީން ދައްކާގޮތުގައި، އިސްތިއުނާފުކުރި 23 މައްސަލަވެސް މިހާރު ވަނީ އެ ކޯޓުން ބަލައިގަނެ ރަޖިސްޓްރީކޮށްފައެވެ.
މި މައްސަލަތައް ހައިކޯޓަށް ބަލައިގެންފައި އޮތް ނަމަވެސް، މި މައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ފަށާނެ ވަކި ތާރީޚެއް އަދި މިހާތަނަށް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ