ރާއްޖޭގެ އެންމެ ދެކުނުން އޮތް އައްޑޫ އަތޮޅުން 600 ކިލޯ މީޓަރު ދުރުން އޮތް ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބައިނަލްއަގުވާމީ ކޯޓުން ކަނޑައެޅުމަށްފަހު، ޗާގޮސް ހިމެނޭ ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ވެގެންދިޔައީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ ފަރާތްތަކުގެ މެދުގައި އެންމެ ބޮޑަށް ޚިޔާލުތަފާތުވުން އުފެދި، އެކަމުގެ ޒުވާބު އެކި ފަރާތްތަކުން އެކި ބީދައިން ދެމުން ގޮސްފައިވާ އެއް މައްސަލަ ކަމުގައެވެ.
މިގޮތުން އިޓްލޮސްގައި ފާއިތުވެދިޔަ އަހަރުންފެށިގެން ކުރިޔަށްދިޔަ މިމައްސަލާގަ ފާއިތުވި އެޕްރިލްމަހު އެކޯޓުން ހުކުމް ކުރި ހިސާބުން ސަރުކާރުން ބުނަމުން ގޮސްފައިވަނީ އެމައްސަލާގަ ރާއްޖެއަށް ލިބިގެން ދިޔައީ ވަރަށްވެސް ބޮޑު ކާމިޔާބީއެއް ކަމަށާއި، ރާއްޖެއަށް ހައްގުވާ މިންވަރު ލިބި، މައްސަލަ ކާމިޔާބު ކުރެވިފައިވާ ކަމުގައެވެ.
އެހެންނަމަވެސް އެއާއި ޚިލާފަށް ސިޔާސީ ގޮތުން ސަރުކާރާ ޚިޔާލު ތަފާތު، އިދިކޮޅު ފަރާތްތަކުން މިހުކުމަށްފަހު އަޑު އުފުލަމުން ދަނީ މި ސަރުކާރުން ރާއްޖޭގެ ކަނޑު އަމިއްލަ މަސްލަހަތުގައި ވިއްލާލާފައިވާ ކަމުގައެވެ. އަދި އެއީ މިސަރުކާރުން ސިއްރު ސިޓީއަކުން ހަދާފައިވާ ޑީލެއްކަމަށް މޭރުންކޮށް، ކަނޑު ވިއްކާލުމުގައި ޒިންމާވާންޖެހޭ ފަރާތްތައް މަގާމުން ވަކިކުރުމަށް، ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓު އަންނަ ހަފްތާގައި މަޖިލީހަށް ވައްދާނެކަމުގެ އިންޒާރުވެސް އިދިކޮޅު ފަރާތްތަކުން ވަނީ ދީފައެވެ.
އެހެންނަމަވެސް، ޗާގޮސްގެ މައްސަލާގައި "ހެޔޮ މަގުގައި" ތިބީ ތިމާމެންކަމަށް، ސަރުކާރުންނާއި އިދިކޮޅު ފަރާތްތަކުންވެސް ދައުވާ ކުރަމުންދާއިރު، މިމައްސަލާއިގެ އަސްލަށް ފީނާ، މި ގައުމީ މައްސަލައިގެ ހަގީގަތަކީ ކޮބައިތޯ އެނގުން ހަމަ ކޮންމެ ދިވެހި ރައްޔިތަކަށްވެސް މިވަނީ މުހިންމު ވެފައިކަމީ ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.
ތާރީޚީ ގޮތުން ޗާގޮސްއަކީ ކޮންބައެއްގެ ތަނެއް!
މޮރިޝަސްއަކީ 1968ވަނަ އަހަރު އިނގިރޭސި އިސްތިއުމާރުން މިނިވަންކަން ލިބުނު ގައުމެކެވެ.
އެހެންނަމަވެސް، 1965 ވަނަ އަހަރު މޮރިޝަސްއަށް މިނިވަންކަން ދިނުމަށް އިނގިރޭސިން ކުރި ޕްލޭންތަކުގެ ތެރޭގައި އެގައުމުންވަނީ، ރާއްޖޭގެ ދެކުނުން އޮންނަ ޗާރގޮސް (ދިވެހިން ކިޔާގޮތުން ފޯޅަވަހި) އަކީ، ނުވަތަ ދިވެހިރާއްޖޭގެ ދެކުނުން، މޮރިޝަންގެ މައި ބިމުން އިރު އުތުރުން 2،200 ކިލޯމީޓަރު ދުރުގައި އޮންނަ، 60 ކިލޯމީޓަރުގެ (ބިންތިރި 55 ރަށުގެ މައްޗަށް އެކުލެވޭ) މިއަތޮޅަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓްރީޓީ (BIOT)ގެ ދަށުން އެގައުމުގެ ބައެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މޮރިޝަސްއިން ބުނަމުންދަނީ މި ޓްރީޓީއަކީ އެގައުމުން ބަލައިގަންނަ ޓްރީޓީއެއް ނޫންކަމަށާއި، އެގައުމުގެ ގާނޫނުތަކުންނާއި އަދި ބައިނަލްއަގުވާމީ ގާނޫނުތަކުންވެސް އެ އަތޮޅަކީ އެގައުމުގެ އިހުތިސާސްގައި ހިމެނޭ ސަރަހައްދެއް ކަމުގައެވެ.
ބްރިޓިޝް އިންޑިއަން އޯޝަން ޓްރީޓީއަކީ މޮރިޝަސްއަށް މިނިވަންކަން ލިބުމުގެ ކުރިން އިނގިރޭސިން އެކުލަވާލާފައި އޮންނަ ޓްރީޓީއެކެވެ. މި ޓްރީޓިގައި ވާގޮތުން، ފޯޅަވައްސަކީ އިނގިރޭސިން މޮރިޝަސްއަށް މިނިވަންކަން ދިނުމުގެ ކުރިން މޮރިޝަސްގެ އިހުތިސާސުން ބޭރުކޮށްފައިވާ ސަރަހައްދެކެވެ.
އެހެންނަމަވެސް 1968ގައި އިނގިރޭސިންގެ އިސްތިއުމާރުން އެގައުމަށް މިނިވަންކަން ލިބުމާހަމައިންވެސް މޮރިޝަސްއިން ދައުވާކުރަމުންދަނީ، (ޗާރގޮސް އާކިޕެލަގޯ، ޑިއެގޯގާސިއާވެސް ހިމެނޭގޮތުން) ފޯލަވައްސަކީ އެގައުމެއްގެ ބައެއް ކަމުގައެވެ. މި މައްސަލާގައި މިހާތަނަށްވެސް އިނގިރޭސިންގެ ސްޓޭންޑަކީ، ފޯޅަވަހީގެ ގާނޫނީ ހައިސިއްޔަތު އިނގިރޭސިންނަށް އޮތްކަމާމެދު އެއްވެސް ޝައްކެއް ނެތްކަމުގައެވެ.
ފޯޅަވަހީގައި ހިމެނޭ ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރީ ބޭހެއްގެ ގޮތުގައި އެމެރިކާއިން ބޭނުންކުރަމުން އަންނަ ރަށެކެވެ. މި ރަށް އެމެރިކާ/އިނގިރޭސިންގެ ނޭވަލް ބޭސްއެއްގެ ގޮތުގައި ބޭނުން ކުރުމަށްޓަކާއި، 1968 އާއި 1973 ވަނަ އަހަރާދެމެދު އިނގިރޭސިންވަނީ، މިރަށުގައި ދިރިއުޅެމުންދިޔަ 924 ރައްޔިތުން ގަދަކަމުން އެރަށުން ބޭރުކޮށްފައެވެ. މީގެތެރެއިން ގިނަ މީހުން ޑީޕޯޓު ކޮށްފައިވަނީ މޮރިޝަސްއަށާއި ސީޝެލްސްއަށެވެ.
އެއަށްފަހު، އެމެރިކާއަށް 2001 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއަށްފަހު، އަލްގައިދާއަށް ނިސްބަތްވާ ގައިދީން ހައްޔަރުކޮށް ގެންގުޅުމާއި އެމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރުމަށް ބޭނުންކުރެއްވުނު ސިއްރު އަސްކަރީ ބޭހެއްގެ ގޮތުގައި އެމެރިކާއިން ޑިއެގޯ ގާސިއާ ބޭނުން ކޮށްފައިވެއެވެ.
އިނގިރޭސިން މިހާރު ބުނަމުންދަނީ ފޯޅަވަހި މޮރިޝަސްއާއި ހަވާލު ކުރާނެކަމަށް!
އިނގިރޭސިންގެ އިސްތިއުމާރުގައި ޗާގޮސް ފާއިތުވެދިޔަ ދިގު ޒާމާނަކަށް އޮތްނަމަވެސް، އިނގިރޭސިން މިހާރު ބުނެފައިވަނީ، ފޯޅަވައްސަކީ އެގައުމުގެ ބައެއްގެ ގޮތުގައި އޮތްނަމަވެސް، އެ އަތޮޅު އަސްކަރީ ބޭހެއްގެގޮތުގައި ބޭނުންކުރަމުން އަންނަ އައުން ނިމުމަކަށް އައުމާއެކު، އެގައުމުން ފޯޅަވަހި މޮރިޝަސްއާއި ހަވާލުކުރާނޭ ކަމުގައެވެ.
2015ވަނަ އަހަރު މާރޗްމަހުގެ 18ވަނަ ދުވަހު ޕާރމަނެންޓް ކޯޓު އޮފް އާރބިޓްރޭޝަންއިން އެކޯޓުގެ އަޢުލަބިއްޔަތުން ނިންމާފައިވަނީ، 2010ވަނަ އަހަރުގެ އެޕްރިމަހު އިނގިރޭސިވިލާތުން ޗާގޮސް އާކިޕެލަގޯގެ ވަށައިގެން މެރިން ޕްރޮޓެކްޓެޑް އޭރިއާއެއް ކަނޑައަޅާފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ޚިލާފަށް ކަމަށެވެ.
2017ވަނަ އަހަރުގެ ޖޫންމަހުގެ 22 ވަނަ ދުވަހު ޔޫއެން ޖެނެރަލް އެސެމްބްލީގައި ނެގުނު ވޯޓުން ނިންމާފައިވަނީ، 1960ގެ އަހަރުތަކުގައި މޮރިޝަސްއަށް މިނިވަންކަން ލިބުމުގެ ކުރިން، އެގައުމުގެ އިހުތިސާސްއިން ފޯޅަވަހި ވަކިކޮށްފައިވާ މައްސަލާގައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއެއް (ކޯޓުގެ ލަފާ) ހޯދުމަށެވެ. ޔޫއެންގެ ޖެނެރަލް އެސެމްބްލީގައި މި ނިންމުން ފާސްކޮށްފައިވަނީ 94 ގައުމު މިނިންމުމާ އެއްކޮޅަށް ވޯޓު ދީގެންނެވެ. ދެކޮޅަށް (ދެކޮޅަކަށް ނުވަތަ އެއްވެސް ކޮޅަކަށް) ވޯޓު ނުދީ ތިބީ އެންމެ 15 ގައުމެކެވެ.
2019ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 25ވަނަ ދުވަހު، އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން، އެކޯޓުގެ 13 ފަނޑިޔާރުންގެ ބޮޑު އަޢުލަބިއްޔަތަކުން ވޯޓު ދީގެން ނިންމާފައިވަނީ ޗާގޮސް އާކިޕެލަގޯ (ފޯޅަވަހި)ގެ މައްޗަށް އޮތް އިދާރީ ވެރިކަމުގެ ބާރުތައް ވީއެންމެ އަވަސް މުއްދަތެއްގައި އިނގިރޭސިން ނިމުމަކަށް ގެންނާން ޖެހޭނެ ކަމުގައެވެ. މި ނިންމުމާއި ދެކޮޅަށް ވޯޓު ދީފައިވަނީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އެންމެ ފަނޑިޔާރެކެވެ. އިނގިރޭސިވިލާތާއި އެއްކޮޅަށް ވޯޓު ދީފައިވާ ފަނޑިޔާރަކީ ބެންޗުގައި އިންނެވި އެމެރިކާގެ ފަނޑިޔާރު އެކަންޏެވެ.
އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ މި ނިންމުމާއެކު، 2019ވަނަ އަހަރުގެ މޭމަހުގެ 22 ވަނަ ދުވަހު ޔޫއެން ޖެނެރަލް އެސެމްބްލީގައި ބަހުސްކޮށް ފާސްކޮށްފައިވާ ގަރާރުގައި ބުނެފައިވަނީ އިނގިރޭސިވިލާތުން 50 އަހަރުވަންދެން އިސްތިއުމާރު ކޮށްފައި އޮތް ފޯޅަވައްސަކީ، މޮރިޝަސްއަސްއަށް ފުރިހަމަ އިހުތިސާސް ލިބިގެންވާ ސަރަހައްދެއް ކަމުގައެވެ.
އަދި މި ގަރާރުގައި ގޮވާލާފައިވަނީ، އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގެ އެޑްވައިޒަރީ އޮޕީނިއަންއަށް ތާއިދުކޮށް، އިނގިރޭސިވިލާތުން އެއަތޮޅުގައި ދަމަހައްޓަމުންދާ ކޮލޯނިއަލް އެޑްމިނިސްޓްރޭޝަނަށް (އިދާރީ ވެރިކަމަށް) އެންމެ ގިނަވެގެންވެސް 6 މަސްދުވަހުގެ ތެރޭގައި ނިމުމަކަށް ގެނައުމަށެވެ.
މި ގަރާރު ފާސްކޮށްފައިވަނީ 116 ގައުމަކުން ގަރާރާ އެއްކޮޅަށް ވޯޓު ދީގެންނެވެ. މި ގަރާރު ފާސްކުރުމަށް ނެގި ވޯޓުގައި 55 ގައުމަކުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާއިރު، ގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އޮސްޓްރޭލިއާއާއި، ހަންގޭރީއާއި، އިސްރާއީލާއި އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ދިވެހިރާއްޖެއިންނެވެ.
ރާއްޖެއާއި ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އެންމެ އަސާސީ މައްސަލައަކީ ޗާގޮސްގެ މިލްކުވެރިކަން!
ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި، ބައިނަލްއަގުވާމީގޮތުން ބަލައިގަތުމަށްފަހު، ޗާގޮސް ހިމެނޭ މޮރިޝަސްގެ ކަނޑުގެ ސަރަހައްދު އޮތީ ފުށު އަރާފައެވެ. އަދި، ރާއްޖޭގެ ދެކުނުން، އައްޑޫއިން ބޭރަށް އޮތް ކަނޑުގެ ސަރަހައްދު މޮރިޝަސްގެ ކަނޑުގެ ސަރަހައްދާއި ފުށުއަރާކަމާމެދު ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންވެސް ދެކޮޅު ހަދާފައެއް ނުވެއެވެ.
އެއާއެކުވެސް، މި ފުށުއެރުމުގެ ހައްލެއްގެ ގޮތުން އިޓްލޮސްއިން ކުރި ހުކުމަށްފަހު ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ޚިޔާލު ތަފާތުވެފައިވާ މައްސަލައަކީ، ނުވަތަ ދެކޮޅަށް ވާކާލަތު ކުރަމުންދާ މައްސަލައަކީ، މިފުށުއަރާ އެރުން ހައްލުކުރުމަށް އިޓްލޮސްއިން ކުރި ހުކުމަކީ ރާއްޖެއިން ކަނޑު ވިއްކާލައިގެން ކޮށްފައިވާ ހުކުމެއްކަމަށް ވިދާވެއެވެ.
އެހެންނަމަވެސް ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލައިގެން އަސްލަށް ނަޒަރެއް ހިންގާލާއިރު، އަސްލެއްގެ ގޮތުގައި ފެންނާން އޮތީ ޗާގޮސްގެ މިލްކުވެރިކަން ކަމުގައި ދަންނަވާން ޖެހެއެވެ. އެއީ ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ދިވެހިރާއްޖެއިން ބަލައިގަންނަނަމަ، ޗާގޮސް އޮތް ކަނޑުގެ މުޅި ސަރަހައްދަށް ދިވެހިރާޖެއަށް ދައުވާ ނުކުރެވޭނެ ކަމުގައި ބުއްދީގެ ހަމަތަކުން ވިސްނާލުމުން އެގެން އޮންނާތީއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިމައްސަލާގައި ސަރުކާރާ ޚިޔާލުތަފާތުކޮށް ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ޗާގޮސްއަކީ ދިވެހިރާއްޖޭގެ ބައެއްކަމަށް އަދިވެސް ވިދާޅުވަމުން ގެންދަވާ ހަގީގީ ސަބަބަކީވެސް މިއީއެވެ.
ހަމައެއާއެކު ފާހަގަވާން އޮތް ކަމަކީ، ރާއްޖެއިން ކަނޑުގެ ސަރަހައްދު ވިއްކާލިކަމަށް ދައުވާ ކުރަމުންދާ ސިޔާސީ ފަރާތްތަކުންވެސް ޗާގޮސްގެ މިލްކުވެރިކަން އޮތީ މަރިޝަސްއަށް ކަމަށް ބުނަމުންދާ ބުނުމެވެ.
މިގޮތުން، ބައެއް ސިޔާސީ ޕާޓީތަކުންނާއި އަދި ކުރީގެ ބައެއް ވަޒީރުން މިމައްސަލާގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުންވެސް ފާހަގަ ވެގެންދިޔަ އެއް ކަމަކީ، ޗާގޮސްގެ މައްސަލާގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ، ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރުވެސް ޗާގޮސްގެ މިލްކުވެރިކަން އޮތީ މޮރިޝަސްއަށްކަމަށް ވިދާޅުވެފައިވާ ވުމެވެ.
ތިބޭފުޅާ (ނޫސްވެރިޔާ) ގެ މައިގަނޑުގެ ވާހަކަ އަކީ ކަލޭ( މުނައްވަރު) ބަންޑާރަނައިބަކަށް ހުންނެވި އިރު ތި ޗާގޯސް އިން ފެށިގެން ކީއްވެހޭ (ރާއްޖޭގެ ސަރަހައްދު ކަމަށް) ކްލެއިމް ނުކުރީ. އެއީ އަޅުގަނޑުމެންގެ ތަނެއް ނޫން. އެހެން އެއްވެސް އިރަކު ނެތް. އަޅުގަނޑުމެންގެ ތަނަކީ ދިވެހިރާއްޖެ. އަޅުގަނޑުމެންގެ ސަރަހައްދުގެ ލިމިޓް އަޅުގަނޑުމެން ކަނޑައަޅާފައި ބޭސްލައިނުން ފެށިގެން 200 ނޯޓިކަލް މޭލް އަޅުގަނޑުމެން ކްލެއިމް ކުރީ. އޭރުގައި އޮތް ވާޖިބަކީ އެއީ.
ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. މުނައްވަރު ވިދާޅުވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި ޑރ. މުނައްވަރެކޭ އެއްފަދައިން، ކުރީގަ ބަންޑާރަނައިބުކަން ކޮށްފައިވާ އާޒިމާ ޝަކޫރުވެސް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޗާގޮސްއަކީ މޮރިޝަސްގެ ބައެއްކަމަށް އެއްބަސްވެފައިވާކަމަށް ވިދާޅުވެފައެވެ. އަޒިމާގެ ވާހަކަތަކުން އެގެން އޮތް ގޮތުގައި ޗާގޮސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން އޭގެ ކުރީގެ ސަރުކާރަކުންވެސް އަދި އޭގެ ފަހުގެ ސަރުކާރަކުންވެސް ބުރަދަންހުރި އެއްވެސް ދައުވާ ކޮށްފައެވް ނުވެއެވެ.
އެމައްސަލައިގެ ތެރެއަށް ވާހަކަ ދައްކަން 2010ވަނަ އަަހަރުގެ އޮކްޓޯބަރުކަމަހުގެ 21 ވަނަ ދުވަހު ރާއްޖޭގަ ބޭއްވި މީޓންއެއްގަ ދިވެހިރާއްޖޭގެ ޚާރިޖީވަޒީރު އެބައޮތް ރިކޮގްނައިޒް ކުރައްވާފަ (ބަލައިގެންފަ) މޮރިޝަސްގެ ކްލެއިމެއް މިކަމަށް އޮތް ކަމަށް. ޑރ. ޝަހީދު އޭރު ހުންނެވީ އިނގޭތޯ.. ޑރ. ޝަހީދު ހުންނެވީ.. ރިކޮގްނައިޒް ކުރައްވާފަ އެބައޮތް، މިނިޓްސްގަ އެބައޮތް، ޝަރީއަތަށް ހުށަހެޅުނު ލިޔުންތަކުން އަޅުގަޑު މީތި ނެގީ، އޭގަ އެބައިތް ވިދާޅުވެފަ ވަރަށް ރަގަޅަށް ތިމަންނަ ގަބޫލު ކުރަމޭ ދިވެހިރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ކްލެއިމް ހުށަހެޅީ މޮރިޝަސްގެ ކްލެއިމަށް ނުބަލާކަން. އެހެންވީމަ ތިމަންނަމެން ހުށަހެޅި ހުށަހެޅުން ތިމަންނަމެން ބަދަލު ކުރާނަމޭ… އެއީ ރާއްޖެއިން އެންމެ ފުރަތަމަ މޮރިޝަންގެ ކްލެއިމެއް، ލެޖިޓިމަސީއެއް އެތަނުގަ އޮތްކަމަށް ގަބޫލުކުރި ހިސާބަކީ.
އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އާޒިމާ ޝަކޫރު ވިދާޅުވިއެވެ.
އެހެންކަމުން، މި ސަރުކާރުން ކަނޑު ވިއްކާލާފައިވާކަމަށް ތުހުމަތުކޮށް އެމަގުން ވަކާލާތު ކުރަމުންދާ ފަރާތްތަކުންވެސް މިހާތަނަށް ދައްކާފައިވާ ވާހަކަތަކުން އެގެން އޮތް އެއް ހަގީގަތަކީ، ތާރީޚީ ގޮތުންވެސް، އަދި ފަހުގެ ތާރީޚުތަކުގައި ރާއްޖޭގައި ވެރިކަން ކޮށްފައިވާ އެއްވެސް ފަރާތަކުން ޗާގޮސްގެ މިލްކުވެރިކަމަށް ދައުވާ ކޮށްފައި ނެތްކަމެވެ.
ޗާގޮސްގެ މިލްކުވެރިކަން ރާއްޖެއަށް ނެތި، އެތަން އޮތް، ކަނޑު އެކީ ރާއްޖެއަށް ލިބޭނީ ކޮންގަތަކުން؟
ޗާގޮސްގެ މިލްކުވެރިކަން ރާއްޖެއަށް ނެތްކަމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ފަރާތްތަކުންވެސް އެއްބަސްވާއިރުވެސް، ބައެއް ސިޔާސީ ފަރާތްތަކުން ވަކާލާތު ކުރަމުންދަނީ، އެތަން އޮތްް ކަނޑުގެ މުޅި ސަރަހައްދު ދިވެހިރާއްޖެއަށް ލިބެންޖެހޭނެ ކަމަށް ވިދާޅުވެއެވެ. އެހެންނަމަވެސް ހަމަ ބުއްދިން ވިސްނާ، އަދި ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ވަކާލާތު ކުރާންޖެހޭ އުސޫލާއި ހަމަތަކަށް ބަލާއިރުވެސް، ފާހަގަވާން އޮތް ކަމަކަކީ، ޗާގޮސް އޮތް ކަނޑުގެ މުޅި ސަރަހައްދަށް ދިވެހިރާއްޖެއަށް ވަކާލާތު ކުރެވެން ނެތްކަމެވެ.
އެހެންނަމަވެސް، ގޮތް ދޫކުރުމެއްނެތި، ޗާގޮސްއަކީ މޮރިޝަސްގެ ބަޔަކަށްވި ނަމަވެސް، އެ އަތޮޅު އޮތް ކަނޑަކީ "އަހަރުމެންގެ ތަނެކޭ" ބުނެ ރާއްޖެއަށްވެސް، ބައިނަލްއަގުވާނީ ގާނޫނުތަކާއި، ޔޫއެންގެ ގަރާރުތަކާއި، އަދި އަމިއްލަ އިއުތިރާފާ ދެކޮޅަށްވެސް އަޑު އުފުލިދާނެއެވެ. އެހެންނަމަވެސް އެއީ އެއްވެސް އަސާސެއް އޮތް ވާހަކައަކަށް ވާނެތޯއެވެ. އެއަޑު އަހާނެ ފަރާތެއް ހުންނާނޭ ބާވައެވެ. އަދި "ޖޯކެއްގެ" ގޮތުގައި މެނުވީ ބަޔަކުމީހުން އެ ދައުވާއާމެދު ދެކޭނެ ބާވައެވެ.
ހަމައެއާއެކުވެސް އިއްތިފާގުވާންޖެހޭ އެއްކަމަކީ، ސިޔާސީ މަގުސަދުތަކެއް ހާސިލްކުރުމަށް، ގޮންދޫނުކޮށް، ކަނޑުން ބައެއް ވިއްކާލިކަމަށް، ސިޔާސީ ގޮތުން ޚިޔާލުތަފާތު ފަރާތްތަކަށް ބުނުމުގެ ހައްގު އެބައޮތެވެ. ޚިޔާލުފާޅުކުރުމަށް އޮތް މިނިންވަންކަމުގެ ތެރެއިންނެވެ. އެއީ "ހެވާއި ނުބައަށް" ބެލުމެއް ނެތި، ހުރިހާ ކަމަށް ސިޔާސީ ފަރާތްތަކުން ޚިޔާލު ތަފާތުވުމަށް ދިވެހިރާއްޖޭގައި އޮތް ސަގާފަތުގެ މަތިންވެސްމެއެވެ.
އެހެންނަމަވެސް، ދެގައުމެއްގެ ދެމެދުގައި އޮތް ޚިޔާލު ތަފާތުވުމަށް ހައްލެއް ހޯދާ، ބައިނަލްއަގުވާމި ކޯޓުން މިމައްސަލާގައި ކޮށްފަ އޮތް ހުކުމުން ރާއްޖެއަށް ބޮޑުބައި ލިބޭގޮތަށް މައްސަލައަށް ފައިސަލާވެގެން ދިޔައުމަކީ ހަގީގަތުގައިވެސް ރާއްޖެއަށް ލިބިގެންދިޔަ ކާމިޔާބީއެއްގެ ގޮތުގައި މެނުވީ މޭރުން ކުރެވޭކަށް ނެތްކަމުގައި ދަންނަވާން ޖެހެއެވެ.
އަދި މިއީ މިމައްސަލާގައި "ކަނޑު ވިއްކާލި"ކަމަށް ދައުވާ ކުރަމުންދާ ސިޔާސީ ފަރާތްތަކުން ދައްކަވަމުން ގެންދަވާ ވާހަކަތަކުންވެސް ސާފުވާން އޮތް މާސާފު ހަގީގަތެއްކަމުގައިވެސް ދަންނަވާން ޖެހެއެވެ.
5 Responses
ނޫސްވެރިންނޭކިޔާފައިމިތިބީވިކިފައިތިބިގަމާރުން
ތި ނޫހަކީ ހުސް ސަރުކާރު ޕްރޮމޯޓް ކުރާ ނޫހެއް. ހިތަށް އަރާ ކިހާ ފައިސާއެއް ލިބިގެން ބާވައޭ މި އުޅެނީ.
ޗާގޯސް މައްސަލައަށް ވަރަށް ތަފްސީލުކޮށް ބަލާލާފައިވާ ލިޔުމެއް! މިކަމަކީ ވެރިކަމާއި ދެކޮޅަށް ނިކުމެފައި ތިބި އެންމެން ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކައެކެވެ. އެވާހަކަތަކުގައި ދެކޮޅު ޖެހޭ އެކައްޗެއްވެސް ނުކިޔައެވެ. މިކިޔަނީ މޮރިސަސްއަށް ޗާގޯސް އަހަރުމެނަށް ކަނޑު!!! މުނައްވަރުވެސް ދެބަދޭތެރޭގައި ހުރެގެން އެކިޔެނީ ކީކޭކަމެއް ތިމާއަށްވެސް ނޭގެއެވެ. މިތަނުގައި މިތިބަ ހުސް ނަގައިގަތް ކަތީބުތައް ސްޕްރީމް ކޯރޓަށް ދާންވީ ނޫން ހެއްޔެވެ؟ ނުދާނެއެވެ. އޭރުން މިމީހުން ބޭޒާރުވާނެއެވެ.
Drmunavvarah mihAru egovenee ladhuhoah
1965 ގެ ކުރިން ފޯޅަވަހި އޮތް ގޮތެއް. ނުވަތަ ކޮންބައެއްގެ ތަނެއްކަން ވިދާޅުވެ ދެއްވި ނަމަ ވަރަށް ރަނގަޅު. ާފާފާފާފ