ސިފައިންނާއި ފުލުހުންގެ އުމްރާނީ ތަަރައްގީއަށް މިދައުރުގައި ކޮށްދިންކަމެއް ނެތްކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބް ލީޑަރު ރިޔާޒު ވިދާޅުވެއްޖެއެވެ.
ރިޔާޒު މިހެން ވިދާޅުވީ ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ދަށުން ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުރޭ ވިދާޅުވެ ދެއްކެވި ވާހަކަތަކާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ކުރީގެ ޕޮލިސް ކަމިޝަނަރކަންވެސް ކުރައްވާފައިވާ ރިޔާޒު ވިދާޅުވީ ރިޔާސީ މިދައުރުގައި ދިވެހި ސިފައިންނާއި، ފުލުހުންގެ އުމްރާނީ ތަރައްޤީއަށް ކޮށްދެވުނު އެއްވެސް ކަމެއް ނެތްކަމަށެވެ. ސަލާމަތީ ބާރުތަކުގެ މުސާރައާއި، އިނާޔަތްތައް ބޮޑު ނުކުރެވުނު ތަނުގައި ވެލްފެއާއާއި، އުމްރާނީ ތަރައްޤީއަށް ބޭނުންވާ ކަންކަންވެސް ކޮށްދެވިފައި ނުވާކަމަށް ރިޔާޒު ވިދާޅުވިއެވެ.
5 އަހަރުގެ ދައުރެއް ނިމެންދާއިރު ސިފައިންނާއި ފުލުހުންގެ އުމްރާނީ ތަަރައްގީއަށް ނުވަތަ ވެލްފެއަރ ރަގަޅު ކުރުމަށް މިސަރުކާރުން ކޮށްދެވުނު އެއްކަމެއްވެސް ނެތް! ވައުދުވި އެއްވެސް ކަމެއް ކޮށްދެވިފަނުވޭ. ރައީސް ސޯލިހަށް 2 ވަނަ ދައުރެއް ދޭންޖެހޭ ސަބަބެއްނެތް!
– ރިޔާޒު ވިދާޅުވިއެވެ.
ފުލުހުންގެ ހިދުމަތަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން އެކަމުގެ ދިރާސާތައް ޕޭ ކޮމިޝަނުން މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމޭއިރު ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ އެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް އިޝާރާތްކުރައްވައި، ރައީސް ވިދާޅުވީ ފުލުހުންނާއި ސިފައިންނަށް ވެސް ބޯހިޔާވަހިކަމުގެ މައްސަލަ އެބަ އޮތް ކަމަށެވެ. ރަށުން ބޭރުގައި ނުވަތަ އާއިލާއާ ދުރުގައި ވަޒީފާ އަދާކުރަން ޖެހިފައިވާ ފުލުހުންނަށް އެކަމުގެ ދަތިކަން އިހުސާސްކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފުލުހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފަށާފައިވާ "ބްލޫ ހައުސިން ސްކީމް"ގެ ދަށުން ހަދާ ފްލެޓްތައް ނިމިގެން ހަވާލުކުރާއިރު، ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނައުމަށް ވެސް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓު ފޮނުވާ