އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ބައިނަލްއަޤްވާމީ ޤާނޫނުގެ އިމުގެ ތެރެއިން ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި، އެ ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާނެ ގޮތް ވެގެންދިއުމަކީ ލިބިގެން ދިޔަ ބޮޑު އުފަލެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެންމެ ދެކުނުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅިގެންދިއުމަކީ ދުރަށް ދަތުރުކޮށް، މާކަނޑުގައި މަސްވެރިކަންކުރާ އައްޑޫ ސިޓީގެ މަސްވެރިނަށް ލިބިގެންދާ ހިތްވަރެއްކަމަށެވެ. މީގެ ކުރިން މި ސަރަޙައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރު ނުހިނގާ ސަރަޙައްދަކަށްވެފައި، އެހެން ޤައުމުތަކުގެ މަސްވެރި އުޅަނދުތަކުން، ރާއްޖޭގެ މަސްވެރިން ގެންގުޅޭފަދަ ދެމެހެއްޓެނިވި ސިޔާސަތުތަކުގެ ބޭރުން މަސްވެރިކަންކޮށް، މަންފާ ނަގަމުން ދިޔަ ސަރަޙައްދެއްކަމަށެވެ.
އެހެންކަމުން، އިޓްލޮސްއިން ނިންމެވި ނިންމުމާއެކު ބައިނަލްއަޤުވާމީ ޤާނުނުތަކާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން، މިފަދަ މަސްވެރިންނަށް ފިޔަވަޅު އެޅުމުގެ ބާރު ދިވެހި ސަރުކާރަށް ލިބި، ދިވެހި މަސްވެރިންގެ އިޤްތިޞާދީ ޙައްޤުތަށް ކަށަވަރުވެއްޖެކަން ނުހަނު އުފަލާއެކު ފާހަގަކުރަން.
– އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެކައުންސިލުން ބުނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ބިނާކުރަނިވި ގޮތަކަށް، ޒިންމާދާރުކަމާއެކު ބައިނަލްއަޤްވާމީ ގާނޫނުގެ ބާރު ދެމެހެއްޓުމުގެ މައްޗަށް ކަމަށެވެ. އަދި މިއަދު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ކަނޑައަޅައި ނިންމި ނިންމުމަކީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ ނިޒާމަށް، ރާއްޖޭގެ އިސް ޑިޕްލޮމެޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިޙުތިރާމު ކުރައްވާކަން ފެނިގެންދާކަމުގެ ހެއްކެއްކަމަށެވެ.
އެހެންކަމުން، މި ނިންމުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދެކުނުން ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގެ އައުޓަރ ލިމިޓް ކަނޑައެޅި، މި ސަރަޙައްދުގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ކަށަވަރުވެ، ދިވެހި މަސްވެރިންނަށް އިތުރު ހިމާޔަތެއް ލިބުމަކީ އައްޑޫ ސިޓީ ކައުންސިލުން ނުހަނު އުފަލާއެކު މަރުޙަބާކިޔާކަމެއް.
– އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
އެކައުންސިލުން ވަނީ ދިވެހި ދައުލަތުގެ ސިޔާދަތު ކަށަވަރުކޮށް، ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްބައިވަންތަކަން ދެމެހެއްޓެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓު ފޮނުވާ