ރާއްޖެ އާއި މޮރިޝަސްއާ ދެމެދު މައްސަލަ އުފެދުނު ކަނޑުގެ ސަރަހައްދުގެ އިން ވަކި ކުރިޔަސް، ރާއްޖޭގެ މަސްވެރިކަމަށް އަސަރު ނުކުރާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދުގެ އިން ވަކިވެ، އދ.ގެ ޤަރާރުތަކާ އެއްގޮތަށް ރާއްޖޭގެ ސަރަޙައްދު ކަނޑައެޅިގެން ދިޔުމަކީ ރާއްޖެއަށް ލިލިބުނު ތާރީޚީ ކުރިއެރުމެއްކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މީގެކުރިން ދެކުނުގެ ކަނޑުގެ ސަރަޙައްދުގައި އޮންނަނީ ސިޔާސީ ސަރަޙައްދެއްގެ ގޮތުގައިކަމަށެވެ. މީގެ ކުރިން ރާއްޖޭގެ ދެކުނުގެ ކަނޑުތަކުން މަސްވެރިކަންކޮށްގެން އެފަދަ އުޅަނދުތައް ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ހުރަސްކޮށް ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދަށް ނިކުންނަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އިންކަނޑައެޅުމުގެ ކުރިން ރާއްޖެއަށް ލިބިފައިވާ 12 މޭލު ހުރަސްކޮށް ބޭރަށް ދިއުމުން އެފަރާތްތަކަށް ފިޔަވަޅުއެޅުމަށް ކުރެވޭނެ އެއްވެސް ކަމެއް މީގެކުރިން ދިވެހި ސަރުކާރަކަށް ނޯންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އިޓްލޮސްގެ ނިންމުމާއެކު ދިވެހިންގެ މާކަނޑުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ބާރު ދިވެހިންނަށް ލިބިއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދު ރާއްޖެ މިނިވަންވީތާ މިވީ 58 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ކަނޑައެޅިގެން އެދިޔައީ. ބައިނަލްއަޤުވާމީ ކޯޓަކުން ނިންމީ ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަޙައްދަކީ ކޮބައިކަން. މީގެކުރިން އެގޮތަށް ކަނޑަނޭޅި އޮތުމުން އެސަރަޙައްދު ބެލެހެއްޓުމަކީ ގޮންޖެހުން ބޮޑުކަމެއް.
– މިނިސްޓަރ ވިދާޅުވިއެވެ.
ހުސައިން ވިދާޅުވި ގޮތުގައި ދާ ޖަހައިގެން ކަޅުބިލަމަހުގެ މަސްވެރިކަން ކުރުމުގެ މައްސަލައަކީ އިންޑިއާ ކަނޑުގައި އަބަދުވެސް އޮންނަ މައްސަލަ އެކެވެ. އެކަމަކު މޮރިޝަސްއަށް ލިބުނު ސަރަހައްދުގައި ވެސް ދާ ޖަހައިގެން މަސްވެރިކަން ކުރަން ހުއްދަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.