ޗާގޯސް އަކީ ރާއްޖޭގެ ސިޔާދަތީ ބާރު އެއްވެސް އިރަކު ހިނގާފައިވާ ގައުމެއްކަން އެނގޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިޓްލޮސް އިން މިއަދު ނިންމުމާ ގުޅިގެން، ކެބިނެޓް މިނިސްޓަރުންނާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އެތައް ގާނޫނުއަސާސީއެއް އައިއިރު އެއިން އެއްވެސް ގާނޫނުއަސާސީއެއްގައި ވެސް ޗާގޯސްގެ ވާހަކައެއް ނެތް ކަމަށެވެ. ޗާގޯސް ހޯދަން މަސައްކަތް ކުރާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެއްވެސް އިރަކު ރާއްޖެ އިން ޗާގޯސް ހޯދަން މަސައްކަތްކޮށްފައިވާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި އަދި އެއީ ގާނޫނީ ގޮތުން ވެސް މިހާރު ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ.
ޗާގޯސްގެ މައްސަލަ އަކީ ރާއްޖެއާ ގުޅިފައި އޮތް މައްސަލައެއް ނޫން ކަމަށާއި އެއީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދޭތެރޭ އޮތް މައްސަލައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ވިދާޅުވީ ރާއްޖެއާއި، މޮރީޝަސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމާއި ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސްއިން) އިން ނިންމި ނިންމުމާއި އެއްގޮތަށް ރާއްޖޭގެ ދެކުނުގެ އިޤްތިޞާދީ ސަރަހައްދު ކަނޑައެޅިއްޖެކަމަށެވެ. މިކަމާއި ގުޅިގެން ޢަމަލުކުރާނެ ގޮތްތަކަށް ކެބިނެޓުގައި މަޝްވަރާކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދެކުނުން، އިން ކަނޑައެޅިގެން ދިއުމުން، ރާއްޖޭގެ އުތުރުގައި ކޯސްޓްގާޑުން ބޯޑަރު ބަލަހައްޓަމުން ގެންދާހެން، ދެކުނުގައިވެސް އެކަން ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، މީގެ ކުރިން އިން ކަނޑަނޭޅުމުގެ ސަބަބުން ބޭރުގެ މަސްވެރިން ރާއްޖޭގެ ސަރަޙައްދުން ނަފާ ހޯދަމުން ދިޔަކަމަށާއި، ނަމަވެސް ރާއްޖޭގެ އިން ކަނޑައެޅުމުގެ ސަބަބުން އެކަން ހުއްޓުވާނެކަމަށެވެ. އަދި އެކަމުން ރާއްޖޭގެ މަސްވެރިންނަށްވެސް ފައިދާވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ފިޝަރީޒް މިނިސްޓްރީއާއި، އެންވަޔަރަމަންޓް މިނިސްޓްރީން ރާއްޖޭގެ ފަރާތުން ކުރަންޖެހޭ ކަންކަން ކުރުމަށް މަޝްވަރާކުރެއްވިކަމަށެވެ.
ރާއްޖޭގެ ޤާނޫނު އަސާސީގައި ރާއްޖޭގެ ސަރަޙައްދު ސާފުކޮށް ބަޔާންކުރާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، 1976 ވަނަ އަހަރު ރާއްޖޭގެ އުތުރާއި، އިރު އުތުރާއި، އިރު ދެކުނުން އިން ކަނޑައެޅިފައިވާކަމަށާއި، ނަމަވެސް ދެކުނުގެ ކަނޑުގެ ސަރަހައްދު މިހާތަނަށް ކަނޑައެޅިފައި ނެތީކަމަށެވެ. ނަމަވެސް އެ އިންވެސްކަނޑައެޅިގެން ދިޔައީ ބައިނަލްއަޤްވާމީ މުއާހަދާތައް ބުނާގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިއަދު އެ ނިމިގެންދިޔަކަމަކީ އަޅުގަނޑު ދަންނަވާނީ ޤާނޫނީ ހަމަތަކާ އިންތަކުގެ ތެރެއިން ރާއްޖޭގެ އިން ވަކިކުރެއްވި ފުރިހަމަވެގެން ދިޔަ ދިއުމެއްކަމަށް. ރާއްޖެއަކީ ބައިނަލްއަޤްވާމީ އިންތަކާއެއްގޮތަށް ފުރިހަމަވެފަ އޮތް ބައުންޑަރީއެއް އޮތް ޤައުމެއްކަމަށް.
– ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އިޓްލޮސްގައި ރާއްޖޭގެ ބައުންޑަރީގެ މައްސަލަ ނިމިގެންދިޔަ ގޮތް ރައީސް ސިފަކުރެއްވީ ރާއްޖެއަށާއި، ރައްޔިތުންނަށް އަދި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ. ރައީސް ވަނީ ބަންޑާރަނާއިބާއި، އެމަނިކުފާނުގެ ޤާނޫނީ ޓީމުން ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެއްވިކަމަށްވެސް ވިދާޅުވެފައެވެ. އަދި އެ ޤާނޫނީ ޓީމުން މަސައްކަތްކުރެއްވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއި، ލަފާދެއްވި ގޮތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ އިން ކަނޑައެޅިގެން ދިޔައީ ރާއްޖޭގެ އެއްވެސް ސަރަޙައްދެއް އުނި ނުވެކަމަށެވެ.
ރާއްޖެއާއި މޮރީޝަސް ކަނޑުގެ ސަރަޙައްދު ފުށުއަރާ 95،563 އަކަކިލޯ މީޓަރުގެ ސަރަޙައްދުގެ ތެރެއިން އިޓްލޮސްގެ ނިންމުމާއިގުޅިގެން އްޖެއަށް 47،232 އަކަކިލޯމީޓާރު ސަރަޙައްދެއް ލިބެއެވެ. މޮރީޝަސްއަށް ލިބެނީ 45،331 އަކަކިލޯމީޓަރުގެ ސަރަޙައްދެކެވެ. ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ ރާއްޖެއިން ހުށައެޅިގޮތަށެވެ.
ކޮމެންޓު ފޮނުވާ