ދައުލަތާއި ރައްޔިތުންގެ ހައްގުތައް ފުރިހަމައަށް ހިމާޔަތް ކުރުމަށް ޤާސިމްގެ ސިޓީއެއް އިޓްލޮސްއަށް ޗާގޯސްގެ މައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމަށް ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ސިޓީއެއް ބައިނަލްއަޤުވާމީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ފޮނުވައިފިއެވެ.
ޤާސިމްގެ ސިޓީގައި ރާއްޖެއިން ޒަމާނުއްސުރެ މިމައްސަލާގައި އަމަލު ކުރަމުން ދިޔަ ގޮތާއި، މިމައްސަލަ މިހާރު އޮތް ގޮތުން ދިވެހި ރާއްޖޭގެ މިނިވަން ކަމާއި ސިޔާސަދަތާއި، އިސްތިގުލާލަށް ބޮޑެތި އަސަރުތަކެއް ކުރާތީ އެކަމުގެ ކަންބޮޑުވުން ފާހަގަ ކުރައްވާފައިވެއެވެ. އަދި ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ބޮޑުބައެއް ގެއްލިގެންދާ ދިއުމަކީ ދިވެހި ރައްޔިތުންނަށް އެކަމުން ބޮޑެތި ގެއްލުންތަކެއް ކުރާނެ ކަމެއްކަމަށް ވަނީ ބަޔާންކޮށްފައެވެ.
އަދި މިސިޓީގައި މިސަރުކާރުގެ ސްޓޭންޑް ކުއްލިއަކަށް ބަދަލުވެ، ސިޔާސަތަށް އައި ބަދަލުގެ ސަބަބުން މިކަމުގެ ގެއްލުން ކުރާނެ ބަޔަކީ ދިވެހި ރައްޔިތުން ކަމަށާއި، މިކަންކަމަށް މިއަދުގެ ނިންމުމުންގެ ކުރިން ރިޢާޔަތް ކުރެއްވުމަށް ވަނީ އެދިފައެވެ.
އިޓޮލްސް އަށް އަޅުގަނޑުމިއަދު ފޮނުވި ސިޓީ އަކީ، ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، އަދި ރައީސުލް ޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނު އަސާސީގެ 3 ވަނަ މާއްދާއާއި ފުށުއެރުންތަކެއް ހުރިކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވޭތީ، މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި އަޅުގަނޑު ފޮނުވި ސިޓީއެއް.
– ޤާސިމް ވިދާޅުވިއެވެ.
ޗާގޯސްގެ މައްސަލައިގައި ކަނޑުގެ ޤާނޫނުގެ ބައިނަލްއަޤުވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މިއަދު ހުކުމް ކުރުމަށް ތައްޔާރުވަމުންދާ މައްސަލާގައި، ޖުމްހޫރީޕާޓީ އިން ކަންބޮޑުވާކަންކަން ބަޔާން ކޮށް އިޓޮލްސް އަށް އަޅުގަނޑުމިއަދު ފޮނުވި ސިޓީ އަކީ، ދިވެހި ސަރުކާރުން ޒަމާނުއްސުރެ… pic.twitter.com/GtzV48QCrr
— Qasim Ibrahim (@qasimibrahim) April 28, 2023
ކަނޑުގެ ސަރަހައްދުގެ މައްސަލާގައި މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރު ވަނީ ނިންމާލައިފައެވެ. މިމައްސަލައިގެ ގޮތް ނިންމުން މިއަދު ރާއްޖެ ގަޑިން 2:30ގައި ބޭއްވުމަށް އިޓްލޮސް އިން ވަނީ ތާވަލްކޮށްފައެވެ.
އެ މައްސަލަ ޓްރައިބިއުނަލްގައި އޮތުމުން ރާއްޖެ އިން ވަނީ ޗާގޯސް އައިލެންޑްސްގެ މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް އދ. ގައި ވޯޓު ދޭން ނިންމައިފައެވެ. އޭގެ ކުރިން ޗާގޯސްގެ މައްސަލާގައި މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އުފެދިފައިވާ މައްސަލާގައި ރާއްޖެ އޮތީ މޮރިޝަސްއާ ދެކޮޅަށެވެ.
އެކަމަކު މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެކަމަކު ސަރުކާރުން ބުނެފައިވަނީ ކަނޑުގެ ބައެއް އޭގެ ސަބަބުން ނުގެއްލޭނެ ކަމަށެވެ. ޗާގޯސްއަކީ އިނގިރޭސި ވިލާތުން އެމެރިކާ އަށް ކުއްޔަށް ދިނުމުން އެމެރިކާ އިން މިހާރު އަސްކަރީ މަރުކަޒެއް ގާއިމް ކޮށްފައިވާ ތަނެވެ. އެތަނުގެ މިލްކުވެރިކަމުގެ މައްސަލާގައި އިނގިރޭސި ވިލާތާއި ޗާގޯސްއާ ދެމެދު އަބަދުވެސް ހިޔާލު ތަފާތުވެފައި ވެއެވެ.
One Response
ކަލޭ ތީ ރައްޔިތުންގެ ހައްޤު ބަނޑުއަޅައިގެން ހުރި މީހެއްކަން މުޅިދުނިޔެ ދަނޭ. ޢެހެންނޫނަސް ކަލޭތީ ރައްޔިތުންގެ ޙައްޤުގައި ބަހެއްބުނަން ހައިސިއްޔަތެއް އޮތް މީހެއްވެސް ނޫނެއްނު.