ފެނަކަ ތާރީޚުގެ ތެރެއަށް، 8 އަހަރުތެރޭ ފުރަތަމަ ފަހަރަށް ފައިދާ!

ފެނަކަ ތާރީޚުގެ ތެރެއަށް، 8 އަހަރުތެރޭ ފުރަތަމަ ފަހަރަށް ފައިދާ!

Author
މުޙައްމަދު ޖިމީ
30 ނޮވެމްބަރ 2020 12:31
0

ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ދިނުމަށް އުފައްދާފައިވާ ފެނަކަ ކޯޕަރޭޝަންގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެކުންފުންޏަށް ފައިދާވެފައިވާކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނެރަލް އޮފީހުން ޢާންމުކޮށްފައިވާ ފެނަކަ ކޯޕަރޭޝަންގެ އޮޓިޓް ރިޕޯޓް ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 35.9 މިލިއަން ރުފިޔާ ލިބިފައެވެ. ފެނަކައިން ބުނީ، މިއީ ކުންފުނީގެ ތާރީޚުގައިވެސް ކުންފުންޏާބެހޭގޮތުން ނެރުނު ފުރަތަމަ ރަނގަޅު އޮޑިޓް ރިޕޯޓުކަމަށާއި، މިއީ އެކުންފުނީގެ ނަން ކިލަނބުކޮށް ކުންފުންޏާމެދު ނުރަނގަޅު ތަޞައްވަރެއް އުފެއްދުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ދެވުނު ރަނގަޅު ޖަވާބެއްކަމަށެވެ.

މީގެ ކުރިން ގެއްލުމުގައި ހިންގަމުން އައި ފެނަކަ ކޯޕަރޭޝަނަށް މިދިޔަ އަހަރު ސާފު ފައިދާ ވެފައިވާއިރު، ފާއިތުވި 2018 ވަނަ އަހަރުވެސް އެކުންފުންޏަށް ވަނީ ގެއްލުންވެފައެވެ. އެގޮތުން އެއަހަރު އެ ކުންފުންޏަށް 143 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.

ފެނަކައިން ނެރުނު ބަޔާނުގައި ބުނީ މި ކާމިޔާބިއަކީ އެ ކުންފުނީގައި މަސައްކަތްކުރާ ތަޖުރިބާކާރު މުވައްޒަފުންގެ ބޭނުން ހެޔޮ ގޮތުގައި ހިފައި ކުންފުނި ހިންގުމަށް މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ގެންނެވި ބަދަލުތަކުގެ ސަބަބުން ލިބުނު ކާމިޔަބީއެއް ކަމަށާއި، މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަރުކާރު ހިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ބޮޑު ތަފާތު ބޮޑު ބަދަލުކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ނަތީޖާއިން ދައްކުވައިދެނީ ވައްކަމާއި ފަސާދަ އާއި ކޮރަޕްޝަނާއި އިސްރާފުން ކުންފުނި ސަލާމަތްކޮށް މިހާރު ކުންފުނީގައި ނަޒާހަތްތެރިކަން އޮތް މިންވަރުކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

18 ޖޫން 2012 ވަނަ ދުވަހު ވުޖޫދުވުމަށްފަހު 2018 ވަނަ އަހަރުގެ ނިޔަލަށް މާލީ ގޮތުންނާއި އުމްރާނީ ގޮތުންނާއި ހިންގުމުގެ ގޮތުން އަދި އިޖްތިމާއީ ގޮތުން ލަދުވެތި ހާލަތެއްގައި ހިންގަމުން އައި ކުންފުންޏެއް މިއަދު އެ ދާއިރާތަކުން މި ހޯދި ކާމިޔާބަކީ ދިވެހި ތާރީޚުގައި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ދައްކުވައިދިން އެންމެ ތަފާތުބޮޑު ބަދަލުކަމީ ދެބަސްވެވެން ނެތް ހަގީގަތެއް،

-ފެނަކަ ކޯޕަރޭޝަންގެ ބަޔާނުގައިވެއެވެ.

ފެނަކައިން ބުނީ، ރައްކާތެރިކަމާއެކު ދެމެހެއްޓެނިވި ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެކުންފުނިން ވަނީ ގިނަ މަސައްކަތަކެއް ކޮށްފައިވާކަމަށާއި، އެގޮތުން ވަސީލަތްތަށް ރަނގަޅު ކުރުމަށް މީގެ ކުރީން ކުރެވިފައި ނުވާވަރުގެ ބޮޑު ޚަރަދެއް ކުރެވިފައިވާކަމަށެވެ. އެކުންފުނިން ފާއިތުވި ދެ އަހަރު ތެރޭ 49 އިންޖީނުގޭގެ މަސައްކަތް އަލަށް ފަށައި، 20 އިންޖީނުގޭގެ މަސައްކަތް މުޅިން ނިންމައި، 77 މެގަވޮޓް ވަނީ އިންސްޓޯލް ކޮށްފައެވެ. މީގެ އިތުރުން އެކުންފުނީގެ ދަށުން މުޅި ރާއްޖޭގައި ހިންގަމުން އަންނަ ހުރިހާ އިންޖީނުގެއެއް ގުޅާލައި، ކަރަންޓު ވިއުގާ އަޕްގްރޭޑް ކޮށްފައިވާކަމަށް ފެނަކައިން ބުނެއެވެ. އަދި ގުލައިގެން ގޮސް ނުނިމިހުރި ފެނާއި ނަރުދަމާވެސް ކަށަވަރު ކޮށްދެމުންދާކަމުގެ ޔަޤީންކަންދޭކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚީދުމަތްތައްކަމަށްވާ ފެނާއި، ނަރުދަމާ އަދި ކަރަންޓު ދިނުމަށް ސަރުކާރުން އުފައްދާފައިވާ އަދި ރާއްޖޭގެ އެންމެ ގިނަ ރަށްތަކަށް އެ ޚިދުމަތްދެމުން އަންނަ ފެނަކަ އުފައްދާފައިވަނީ 18 ޖޫން 2012ވަނަ އަހަރު އޭރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުން އައި ޔޫޓިލިޓީސް ކުންފުނިތަށް އުވާލުމަށް ފަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.