މިސްރުގައި ބޭއްވި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޮ ރިސައިޓާސް އޮފް ދަ ހޮލީ ޤުރުއާން" މުބާރާތުގައި ވާދަކޮށް ދެވަނަ ހޯދި އިސްކަންދަރު ސްކޫލްގެ ދަރިވަރު ފާތިމަތު ޝާޔާ ޒާހިރާއި ނައިބު ރައީސް ފައިސަލް ނަސީމު ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފި އެވެ.
ރައީސް އޮފީހުގައި ޝާޔާއާއި އެކު ބޭއްވި ބައްދަލުވުމުގައި އޭނަގެ މައިންބަފައިންނާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް ބައިވެރިވެޑައިގެންނެވި އެވެ.
މިސްރުގެ މުބާރާތުގެ ނުބަލާ ކިޔެވުމުގެ ގޮފިން ޝާޔާ ދެވަނަ އަށް ދިޔައީ ފެބްރުއަރީގައި މުބާރާތުގައި ވާދަކޮށެވެ. އަދި މުބާރާތުގެ އިނާމުގެ ދިނުމުގެ ހަފުލާގައި މިދިޔަ ހަފުގައި ޝާޔާ ބައިވެރިވެ، މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލްސީސީގެ އަތްޕުޅުން ދެއްވި އިނާމާ ހަވާލުވި އެވެ.
މިސްރުގެއި 29 ވަނަ "އިންޓަނޭޝަނަލް ކޮންޓެސްޓް ފޯ ރިސައިޓާސް އޮފް ދަ ހޯލީ ޤުރުއާން" ގެ ނުބަލައި ކިޔެވުމުގެ ގޮފިން ޝާޔާ ދެވަނަ ހޯދީ 58 ގައުމެއްގެ ބައިވެރިންނާ ވާދަކޮށެވެ.
މި މުބާރާތުގައި ޖުމްލަ 58 ގައުމަކުން 100 އަށް ވުރެ ގިނަ ކުދިން ވާދަކުރި އެވެ.
ޝާޔާ ވަނީ ކީރިތި ޤުރްއާން ހިތުދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ މެޑަލް 2019 ވަނަ އަހަރު ހާސިލުކޮށްފަ އެވެ. އޭނަ ޤުރުއާން ހިތުދަސްކޮށް ނިންމާލީ އުމުރުން 9 އަހަރުގަ އެވެ.
ކޮމެންޓު ފޮނުވާ