ފާއިތުވި ތިން އަހަރު ދުވަހުވެސް ބަޖެޓްގައި ހިމަނާފައިހުރީ އެއް މަޝްރޫޢުތަކެއްކަމަށާއި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ވާހަކަ ދައްކާފައި، ދައުލަތުން ޢަމަލުކުރަނީ ޚަރަދު ބޮޑުގޮތަށްކަމަށް ވިދާޅުވެ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ސަރުކާރަށާއި، ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަލާފައިވާ ބަޖެޓް ރިޕޯޓަށް ބަހުސްކުރައްވަމުން ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވިދާޅުވީ، ކޯވިޑާއި ގުޅިގެން ޤައުމުގެ އިޤްތިޞާދު ހީނަރުވެފައިވާއިރު، ކޯވިޑަށް ވެކްސިނެއް ލިބުނަސް ރާއްޖޭގެ އިޤްތިޞާދު ނުވަތަ ފަތުރުވެރިކަން މުޅިން ހަމަމަގަށް އެޅިދާނެކަމަށް އުއްމީދުކޮށްގެން ނުވާނެކަމަށެވެ. އަދި ބަޖެޓްގައި ހިމަނާފައިވާ މިންވަރަށް އާމްދަނީ ލިބޭނެކަމަށްވެސް އުއްމީދުކޮށްގެންވެސް ނުވާނެކަމަށާއި، އަންނަ އަހަރުގެ ބަޖެޓަކީ ޑެފިސިޓް ވަރަށް ބޮޑަށް އިތުރު ބަޖެޓެއްކަމަށް ވިދާޅުވެ އަފީފް ވަނީ ފިނޭން މިނިސްޓަރަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ދައުލަތަށް އާމްދަނީ އަންނަ އަހަރު ލިބޭނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވާއިރު، އެ ލިބޭނެ ގޮތްތަކެއް ނެތްކަމަށާއި، އެގޮތްތަކެއް މިނިސްޓަރަށް މިހާތަނަށް ހޯދައިދެވިފައިވެސް ނުވާކަމަށް އަފީފް ވިދާޅުވިއެވެ.
އިއްޒަތްތެރި ފައިނޭންސް މިނިސްޓަރ ވިދާޅުވޭ ފައިސާ ލިބޭނޭ. އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭކަށް ނެތް އިއްޒަތްތެރި ފައިނޭންސް މިނިސްޓަރ ފައިސާ ލިބޭނޭ ވިދާޅުވީމަ ލިބޭނެކަމަކަށް. އެލީބޭނެ ގޮތްތަކެއް އެބަޖެހޭ އަޅުގަނޑުމެންނަށް އެނގެން. ކޮންތާކުން ކޮންގޮތަކަށްކަން ހޯދަނީ. ދެން ވިދާޅުވެއްޖެ ބޮންޑު، ސުކޫކް އެއްޗެހި އިޝޫ ކޮށްގެން ލިބޭނޭ. މި އަހަރު ފެށުނީއްސުރެ އިއްޒަތްތެރި މިނިސްޓަރު މަސައްކަތްކުރައްވަނީ ސުކޫކް ބޮންޑު ހޯދަން. އަދި މިއަދާއި ހަމައަށްވެސް ލިބިފައެއް ނެތް.
-ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް
އަފީފް ވިދާޅުވީ ބަޖެޓްގައި އަދަދުތަކެއްޖަހާ ރައްޔިތުންނަށް އުއްމީދުތަކެއް ދެވިދާނެކަމަށާއި، ނަމަވެސް އެކަންތައް ތަންފީޒްނުކުރޭނަމަ ރައްޔިތުންގެ މާޔޫސްކަން ބޮޑުވާނެކަމަށެވެ. އެގޮތުން އަފީފް ނިސްބަތްވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ ތިން ރަށަށް ކަންތައްތަކެއްކުރުމަށް ބަޖެޓްގައި ހިމަނާފައިވާކަމަށާއި، ނަމަވެސް އެއީ ފާއިތުވި ތިން އަހަރު ދުވަހުވެސް ބަޖެޓްގައި ޖަހާފައިވާ ކަންކަންކަމަށް ފާހަގަކުރައްވާ އަފީފް ވަނީ ބަޖެޓްގައި ރައީސުލްޖުމްހޫރިއްޔާއާއި ފިނޭންސް މިނިސްޓަރ ޖައްސަވަމުންގެންދަވަނީ އެއް މަޝްރޫޢުތަކެއްކަމަށް ވިދާޅުވެފައެވެ. އަދި މެންބަރުންގެ މެދުގައި ހަމަހަމައަށް މަޝްރޫޢުތައް ހިމެނުމަށްވެސް އަފީފް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައްވާފައެވެ.
"2019 ވަނަ އަހަރުގެ ބަޖެޓްގަ ހުރިކަންތައްތަކެއް އެބަހުރި ހިމަނާފަ، 2020 ވަނަ އަހަރުގެ ބަޖެޓްގައި ހުރިކަންތައްތަކެއް އެބަހުރި. އެ އެއްޗެހި އައިސް މިއޮތީ 2021 ވަނަ އަހަރުގެ ބަޖެޓަށްވެސް. ދައުރުވަމުން އައިސް 20121 ވަނަ އަހަރަށް. ދައުރުވަމުން އައިސް ތިންވަނަ އަހަރަށް ބަޖެޓްގައި ހިމަނާފަ. އިއްޒަތްތެރި މިނިސްޓަރާއި ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާލަން އޮތީ ހަމަ އެކައްޗެކޭ ޖަހަމުން ތި ގެންދަވަނީ. އަޅުގަނޑުމެންވެސް ތިބީ ރައްޔިތުންނޭ. ފަހަރުގައި އަޅުގަނޑުމީ ގަދަ 11ގައި ހިމެނޭ މެންބަރަކަށް ނުވެ ހިނގައިދާނެ. އެހެންވިޔަސް އަޅުގަނޑުމެންގެވެސް ތިބީ ރައްޔިތުންނޭ."
އަފީފް ވަނީ އެކަންތައް ގިނަ ދުވަސްނުވެ ތަންފީޒްވާނެ ގޮތްތަކެއް ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.
ބަޖެޓަށް ފާޑުވިދާޅުވަމުން އަފީފް ވިދާޅުވީ، ކުރީ ސަރުކާރުން ބޮޑު އިންޓްރެސްޓް ރޭޓްގައި ލޯނު ނަގާފައިވާިއރު، ހަމަ އެގޮތަށް ލޯނު ނަގާނަމަ އެޖެހެނީ އެއްތާކުކަމަށާއި، އެހެންކަމުން ލޯނު ނަގާފައިވާ ފަރަތްތަކާ ވާހަކަދައްކައިގެން ލޯނު އަދާކުރަންޖެހޭ މުއަދަތު އިތުރުކުރުމަށް ގޮވާލެއްވިއެވެ. އަފީފް ވިދާޅުވީ މިހާލަތުގައިވެސް ރައްޔިތުން ބޭނުންވާނީ ތަރައްޤީ ކުރިއަށްދާންކަމަށާއި، އެދާއިރާގަ ކުރަން ކަންކަންކުރައިރު ހުރިހާ ކަމެއްވާން ބޭނުންވާއިރު، ދައުލަތަށް އާމްދަނީ ލިބެންޖެހޭ ގޮތްތަކާމެދު ވިސްނަންޖެހޭކަމަށެވެ. އާމްދަނީ ކުޑަވާކަމަށް ސަރުކާރުން ވާހަކަދައްކާފަ، ހަރަދު ބޮޑުވާ ގޮތަށް މަޝްރޫޢުތައް ހިންގުމަކީ ދެކޮޅު ޖެހޭ ވާހަކައެއް ނޫންކަމަށްވެސް އަފީފް ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓް ކޮމިޓީން ފަސްކޮށް ނިންމާލިއިރު އެޢަދަދު ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ނަމަވެސް އަންނަ އަހަރުގެ ބަޖެޓަކީ އިންތިހާއަށް ދަރަނި ބޮޑު ބަޖެޓެއްކަމަށް ވިދާޅުވެ ސަރުކާރަށް ތާޢީދުކުރާ މެންބަރުންވެސް ގެންދަވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ