ގދ.މަޑަވެލި ފެނަކައިގެ ވަޒީފާ އަދާކުރަމުންދިޔަ މުވައްޒިފަކު ކުއްލި ގޮަތަކަށް ވަޒީފާއިން ވަކިިކޮށްފިއެވެ.
އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން މިމަހުގެ 17 ވަނަ ދުވަހު އޭނާއަށް ފޮނުވި ސިޓީއެއްގައެވެ. ވަޒީފާއިން ކަނޑާލީ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާނާއި ގާތް ގުޅުމެއް އޮންނަ މީހެއްކަމަށް މައުލޫމާތު ލިބިފައިވެއެ. ފިރުޝާނަކީ އެމްޑީޕީގެ ދެބައިވެފައިވާ ފިކުރެއްގެ ދިރުމަށް ތާއީދުކުރާ މެމްބަރަކެވެ.
ފެނަކައިން ހާޝިމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ފެނަކައާއި އަލީ ހާޝިމްއާއި ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު މިމަހުގެ 7 ވަނަ ދުވަހު ހަމަވެފައި ވީމަމަވެސް، ހާޝިމްގެ ފަރާތުން ސައިޓް ތެރޭގައި މުވައްޒިފުންގެ މަސްލަހަތު ގެއްލޭފަދަ ވާހަކަ ދެއްކުމާއި، ހަވާލު ކުރެވިފައިވާ ސުޕަވައިޒަރުގެ ޒިންމާ އަދާނުކުރެވޭތީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ފެނަކަ ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ޚިޔާލް ތަފާތުވުންތަކާއިއެކު މީގެ ކުރިންވެސް ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތައް ވަނީ ފެނަކަ ވަޒީފާއިން ވަކިކޮށްފައެވެ. މަޑަވެލީ ހާޝިމް ވަޒީފާއިން ވަކި ކުރުމާއި ގުޅިގެން އެދާއިރާގެ މެމްބަރު ފިރުޝާން ވަނީ ފެނަކަ އެމްޑީޕީ ސައީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ފެނަކައަކީ މިސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑެތި ކޮރަޕްޝަން އޮތް ކުންފުނިކަމަށް މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގައި ވާހަކަ ދައްކަވަމުން ވަނީ ބުނެފައެވެ. އެގޮތުން މަޖިލީހަށް ވަނީ ފެނަކައިން ކުންފިނިތައް ލައްވައި މަސައްކަތް ކުރުމަށްފަހު ދޭންޖެހޭ 2.7 ބިލިޔަން ރުފިޔާ ނުދީގެން އެމައްސަލަވެސް ހުށަހަޅާފައެވެ. ނަމަވެސް އެމަސައްލަ ވަނީ ބޭރުކޮށްލާފައެވެ.