ސޯޝަލް މީޑިއާގައި ފޭކް އައިޑީ ގެންގުޅުމަކީ އަދަބުލިބޭ ކަމަކަށް ހަދަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ ވެރިފަރާތް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުލުހުންނަށް ހުށަހަޅައިފައިވާ ދަނޑިވަޅެއްގައި މަޖިލިސް މެމްބަރުން ތިބޭ ވަޓްސް އަޕް ގްރޫޕްގައި ދެކެވުނު ވާހަތަކާއި ގުޅިގެން ކުރެއްވި ކޮމެންޓެއްގައެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދުއަށް އެޑްރެސް ކުރައްވާ ރައީސް ނަޝީދު ފޮނުއްވެވި ސިޓީއެއްގައި ވިދާޅުވެފައިވަނީ "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓްގެ ސަބަބުން ބައެއް މީހުންނަށް އޮޅުން އަރާފައިވާ ކަމަށެވެ. އެ ޓްވިޓާ އެކައުންޓްގެ އަސްލު ފުލުހުން ހޯއްދަވާ ދެއްވުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
މެމްބަރު އިކްރާމް ވިދާޅުވީ، ސޯޝަލް މީޑިއާގައި އެއްވެސް މީހަކު އެމީހަކު އަސްލު އޮޅޭގޮތުން ވަގު އައިޑީ ހަދައިގެން އެހެން މީހުންނާއި ދިމާކޮށް ހެދުމުގެ ޖާގަ ނުދިނުމަށް ވަގު އައިޑީ ގެންގުޅުމަކީ އަދަބު ލިބެންޖެހޭ ކަމަކަށް ހަދަން ޖެހޭކަމަށެވެ.
ސޯޝަލް މީޑިއާގައި ފޭކް އައިޑީ ގެންގުޅުމަކީ އަދަބުލިބޭ ކަމަކަށް ހަދަންޖެހޭ.
– އިކްރާމް ވިދާޅުވިއެވެ.
އިކްރާމްގެ ވާހަކަތަކާއި ގުޅިގެން ކުރުސީގެ އެކައުންޓުން އެންމެ ބޮޑެތި ފާޑުކިޔުން އަމާޒުވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވީ ރާއްޖެއިން ބޭރުގައި ޑިމޮކްރަސީގެ ބައްޕައަށް ހެދިގެން އުޅުނަސް ނަޝީދަކީ ވަގު އައިޑީ ހަދައިގެން މީހުންނާ މަގުމަތީ ބަހުން މުހާތަބުކޮށް މީހުންގެ އަބުރަށް އަރައި ގަންނަމުންދާ މީހެއްކަމަށެވެ.
އަބަދު ދިނަސް ހީކާންޓް ހެލްޕް ހިމްސެލްފް. ދެން ކީއްކުރާނީ. ރައީސްކަން ކޮށްފަ ހުރި މަޖިލީހުގެ ރައީސް. އެކަމުގެ މަގުމަތީ ބަހުރުވައިން ޤައުމުގަ ތިބި އެންމެނާ ޖައްސާލައިގެން އެއްޗިހިކިޔާ މީހުންގެ އަބުރު ކަތިލަމުން ދުވަން އެބަޖެހޭ. ދެން ނޫން ކޮން ޗޮއިސްއެއް އޮތީ. ރާއްޖެއިން ބޭރު މީހުން ކުރިމަތީ ޑިމޮކްރަސީގެ ބައްޕައަށް ވެގެން. އެހެންވެ އަސްލު އެކައުންޓުން މީހުން ހެރޭސް ކުރެވޭކަށް ނެތް.
– ރޮޒޭނާ ވިދާޅުވިއެވެ.
ހަސަން ކުރުސީގެ ޓުވިޓާ އެކައުންޓުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ފާޑުކިޔާ ޓްވީޓުކުރެއެވެ.