ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ސާބިތުވެފައިވާ ރިޝްވަތު ހިފުމާއި، މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު ނުވަތަ 53 މިލިއަން ރުފިޔާ، ދަޢުލަތަށް ދެއްކުމަށް އެންގި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސްގައި އޮންލައިން ސިސްޓަމް ޑައުންވުމުން ޔާމީން ކޯޓަށް ހާޒިރުކޮށްގެން ހުކުމް ކުރުމަށް ނިންމައިފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އެންގި މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް މިއަދު ހެނދުނު 11:30 ގައި ކްރިމިނަލް ކޯޓުގައި ފެށުމަށްފަހު، ހުކުމް އިއްވުން ވަނީ ފަސްކޮށްފައެވެ. ހުކުމް އިއްވުން ފުރަތަމަ މަޑުކޮށްލީ އޮންލައިންކޮށް ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލީހުގައި އަޑު ރައީސް ޔާމީނަށް އިވިވަޑައިނުގަތުމުން މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެއެވެ. ނަމަވެސް ފަހުން ވަނީ ސިސްޓަމް އެއްކޮށް ޑައުން ވެއްޖެކަމަށް ބުނެ އަޑުއެހުން ފަސްކޮށްފައެވެ. މިހާރު ތާވަލް ކޮށްފައި ވަނީ މެންދުރުފަހު 13:30 ގައި ރައީސް ޔާމީން ހައިކޯޓަށް ހާޒިރު ކުރުމަށްފަހު ހުކުމް އިއްވުމުގެ ޝަރީއަތް ކުރިއަށް ގެންދާށެވެ.
ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު 6 މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމް ކޮށްފައިވަނީ ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލި ދެ ދައުވާ ސާބިތުވުމާއި ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން ކުރި ޢަމުރުގައިވާގޮތުން ވ.އާރަށް ކުއްޔަށް ދިނުމުގެ ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަންގަވައި، އެ ފައިސާ އެޗްއެސްބީސީއަށް ޖަމާކޮށް، އަދި އިތުރު ފައިސާއާއެކު ބީއެމްއެލަށް ޖަމާކޮށް، އަނެއްކާވެސް އިތުރު ފައިސާއާއެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަށް ޖުމްލަ 1،295،000 ޑޮލަރު 2017 ފެބުރުއަރީ 21ގައި ޖަމާކޮށްފައިވާކަމަށެވެ. އޭގެ ފަހުން އިސްލާމިކް ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަށް 2021 މާޗް 14ގައި އިތުރު ފައިސާއާއކު ޖުމްލަ 3،413،230 ޑޮލަރު 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައިވާކަމަށެވެ.
ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ޙުކުމްވެސް ވަނީ އިސްތިއުނާފްކޮށްފައެވެ. ނަމަވެސް އެ މައްސަލަ ހައިކޯޓުގައި ރަޖިސްޓްރީކޮށްފައެއް ނުވެއެެވެ.
އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް އިސްތިއުނާފްކޮށްފައިވާއިރު، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަދި ރިޝްވަތުގެ އިތުރު މައްސަލައެއް ކްރިމިނަލް ކޯޓުގައި މިހާރުވެސް ކުރިއަށްދެއެވެ.