ނަޝީދާއި ޤާސިމަށް މާގިނަދުވަހު އެކުގައި ނޫޅެވޭނެ: މަވޯޓާ

ނަޝީދާއި ޤާސިމަށް މާގިނަދުވަހު އެކުގައި ނޫޅެވޭނެ: މަވޯޓާ

Author
ޢަލީ އާދަމް
09 އޭޕްރިލް 2023 12:47
0

މިހާރު އެއްގަލަކަށް އަރައި ކޯލިޝަން އެކުގައި މަސައްކަތްކުރަން ފަށާފައިވާ އެެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ޤާސިމް އިބްރާހީމަށް މާގިނަދުވަހު އެކުގައި މަސައްކަތް ކުރެވިދާނެކަމަށް ނުފެންނަކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށްފަހު ޕާޓީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް އުފައްދައި ވަކިން މަސައްކަތް ކުރައްވަމުން ދާ ރައީސް ނަޝީދު ވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ފެކްޝަނެއް ހައްދަވައި ޖޭޕީގެ ލިޑަރާއެކު އަންނަ ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރައްވަން ނިންމަވާފައެވެ. އަމިއްލަ ފާޓީގެ ރިޔާސީ ކެންޑިޑެޓާ ދެކޮޅަށް ނަޝީދު މަސައްކަތް ކުރައްވާތީ ގިނަބައެއްގެ ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ. ނަޝީދަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅަކީ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ)އެވެ.

މަވޯޓާ ކުރެއްވި ޓުވިޓެއްގައިވަނީ، މާޒީގެ ތަޖުރިބާއަށް ބަލާއިރު ފެންނަ މަންޒަކީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމަށް ރައީސް ނަޝީދާއެކު މާގިނަދުވަހު އެއްމިސްރާބަކަށް މަސައްކަތް ނުކުރެވޭނެކަން ކަމަށެވެ. އެއީ ވަރަށް ތަފާތު އެއްގަލަކަށް ނޭރޭނެ ވައްތަރުގެ ދެ ފިކުރުކަމަށާ، ތެލާއި ފެނާހާ ތަފާތު ދެ ފިކުރު މި ވަގުތު ސިޔާސީ އެކްސްޕެޑިއެންސީއަށްޓަކައި އެކުތިއްބަސް މާގުނަދުވަހެއް ނުވާނެކަމަށް މަވޯޓާ ވިދާޅުވިއެވެ.

މަވޯޓާ އަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އއަދި ރައީސުލްޖުމްހޫރިއްޔާ އިނބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރައްވާ ބޭފުޅެކެވެ. ނަޝީދާއި އެމަނިކުފާނުގެ ފެކްޝަނުގެ މެމްބަރުންނާއި ރައިސް ޞާލިޙަށް ތާޢީދުކުރާ މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި ބަހުގެ ޙަމަލާތައް ބަދަލުކުރަމުންދެއެވެ. ޖޭޕީގެ ލީޑަރާއެކު ކޯލިޝަނެއްގެ ގޮތުގައި އެކުގައި މަސައްކަތްކުރަން ނިންމި ހަމައެކަނި ލީޑަރަކީ އަދި ރައީސް ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.