ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑު ދަތުރުކުރައްވާ ރޫޓު ކަނޑައެޅުމަކީ ޑިފެންސް މިނިސްޓަރު ކުރާކަމެއް ނޫންކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 20 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހުންނަ ޢުމަރު ޒާހިރު އޮފީސް ޢިމާރާތުގައި ބޭއްވެވި ޖަލްސާ ނިންމާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މުލިއާގެއަށް ވަޑައިގެންނެވުމަށް ދަތުރުކުރައްވަމުން ގެންދަވަނިކޮށް، ޕީޕީއެމްގެ މެމްބަރުންތަކެއް ވަނީ ބޮޑު ތަކުރުފާނުމަގު ޕީޕީއެމް އޮފީސް ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައެވެ.
މިކަން ހިނގަދިޔަ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241)އަށް ހުށަހެޅުމާއި ގުޅިގެން އެކޮމެޓީން ވަނީ މިކަމުގައި ސަލާމަތީ ބާރުތަކުން އަމަލުކޮށްފައިވާ ގޮތާއި، ފުލުހުންނާއި، ސިފައިންގެ ކޯޑިނޭޝަން އޮތް މިންވަރު ބެލުމަށް ސިޓީއަކުން ޖަވާބު ހޯދުމަށް އެދިފައެވެ. އަދި ސިފައިންނާއި ފުލުހުންނާއި ވަކިވަކިން ކޮމެޓީން ބައްދަލު ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިބައްދަލުވުންތައް މިހާރު ގެންދަނީ ކުރިއަށެވެ.
މިމައްސަލާގައި މިއަދު މަޖިލީހުގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރި މޮޓޯކޭޑާއި ގުޅިގެން ހިނގައިދިޔަ ކަންތައް ދަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީން ބަލަމުން ކަމަށެވެ. އަދި އެކަމަނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ރައީސްގެ މޮޓޯކޭޑް ދަތުރުކުރައްވާ ރޫޓު ކަނޑައެޅުމުން ނުހިމެނޭކަމަށް މާރިޔާ ވިދާޅުވިއެވެ.
އަޅުގަނޑު ވަޒީރުކަމުގެ މަސައްކަތް، އަޅުގަނޑުގެ ރަސްމީ ދައުރުގައި ހިމެނޭ ކަންތައްތައް އަޅުގަނޑު ދަންނަވައިފިން. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަޑައިގަންނަވާނޭ ރޫޓު ނިންމުންއެއީ ދިފާއީ ވަޒީރު ކުރާކަމެއްނޫން.
– މާރިޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެންބަރުން ހުރަސްއަޅައި ހިންގި ހަމަނުޖެހުން ބެލުމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވަނީ ޚާއްޞަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައާ ގުޅިގެން މިހާރުވަނީ މިފަދަކަމެއް ދިމާވުމުން އެމްއެންޑީއެފްގައި ޢަމަލުކުރަމުން އަންނަ ޕްރޮސީޖަރތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންޝަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރގެ މަޤާމުގައި ހުންނެވި ކާނަލް އިބްރާހިމް މަޤާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން ވަނީ އެކަހެރިކޮށްފައެވެ. އަދި ޕްރެޒިޑެންޝަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަރ އިބްރާހިމް ޙަލީމާ ވަނީ ހަވާލުކުރައްވާފައެވެ.