ސްނޯކެލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި

ސްނޯކެލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފި

Author
ހުސެއިން
03 އޭޕްރިލް 2023 08:17
0

ސްނޯކެލިންއަށް ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށާފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ގެއްލިގެން ހޯދަމުން ދަނީ ޗައިނާގެ ފަތުރުވެރިއެއް ކަމަށާއި އޭނާ ގެއްލިފައިވަނީ ހިލްޓަން މޯލްޑިވްސް އަމިންގިރި ރިސޯޓް އެންޑް ސްޕާ ރިސޯޓުން މިމަހުގެ 2ވަނަ ދުވަހު ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، ކޯސްޓް ގާޑްގެ ސްކޮޑްރަންގެ ޑައިވަރުންކަމަށެވެ.

ފަތުރުވެރިޔާއާއި ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން ހާމަ ކޮށްފައެއް ނުވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މޫދަށް އެރި އުޅެނިކޮށް ގެއްލުމަކީ ދޭތެރެ ދޭތެރެއިން ކުރިމަތިވާ ހާދިސާތަކެކެވެ. އަދި ގެނބިގެންނާއި އެނޫން ހާދިސާތަކުގައި ފަތުރުވެރިން މަރުވެފައިވެސް ވެއެވެ.

މިގޮތުން ފާއިތުވި ޖެނުއަރީމަހުގެ 19ވަނަ ދުވަހު، ކ. ތުލުސްދޫކައިރިއަށް ސްނޯކެލިންއަށް އެރިއުޅުނު ފަތުރުވެރިއެއްގެ ގައިގައި ޑިންގީއެއްގެ ބުރަފަތިން ޖެހި އޭނާ މަރުވެފައި ވެއެވެ. އަދި ފާއިތުވި މާރިޗްމަހުގެ 13 ވަނަ ދުވަހުވެސް އއ. ރަސްދޫ މަޑިވަރު ޑައިވިން ޕޮއިންޓަށް ޑައިވިނަށްދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެރިޔަކުވެސް މަރިވެފައިވާއިރު، ޖެހިގެން އައިދުވަހު އއ. އަތޮޅުގެ ރިސޯޓެއްގެ ކައިރިއަށް މޫދަށް ފޭބި އިނގިރޭސިވިލާތުގެ ފަތުރުވެރިޔަކުވެސް މަރުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.