ރައްޔިތުންގެ މަޖިލީހަށް ވަޒީރުން ހާޒިރުކޮށްގެން ސުވާލުކުރެއްވުމަށް ނިންމެވުމަށްފަހު އެކަން އަނބުރާ ނުގެންދެވުމަށް މެންބަރުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ސުވާލު ކުރެއްވުން ވަނީ އެޖެންޑާކޮށްފަ އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި މެންބަރު ވަނީ ސުވާލު އަނބުރާ ގެންދަވާފަ އެވެ.
ވަޒީރުންނާ ސުވާލު ކުރެއްވުމަށް ހުށަހެޅުއްވުމަށްފަހު މީގެ ކުރިންވެސް މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވަނީ ސުވާލު އަނބުރާ ގެންދަވާފަ އެވެ.
"މީގެ ކުރީ ފަހަރެއްގައިވެސް އިއްޒަތްތެރި މެންބަރު އަމަލު ކުރެއްވީ އެގޮތަށް. އެހެން ހެއްދެވީމާ އެހެން އިއްޒަތްތެރި މެންބަރުން ކުރައްވަން އެދިވަޑައިގަންނަވާ ސުވާލުތައް ކިޔުގައި އޮވެމެ އެހެން ނަމަވެސް ފުރުސަތު ނުލިބި މިދަނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމަށް ދިގު ލިސްޓެއް ހުށަހެޅިފައިވާ ކަމަށާއި މި ވަގުތުވެސް ކިޔުގައި 20 ވަޒީރަކާ ސުވާލުކުރަން މެންބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ.