މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ހުއްދަ ނެތި ހުސްކުރިކަމަށް ބުނާ ޔޫތު މިނިސްޓްރީގެ ގުދަނަކީ މާލޭ ސިޓީ ކައުންސިލުގެ ބިމެއްގައި ހަދާފައިވާ ވެރިޔަކު ނެތް ގުދަނެެއްކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.
މި ގުދަން ހުސްކުރުމާ ގުޅިގެން ޔޫތް މިނިސްޓަރ އަޙްމަދު މަޙުލޫފް ވަނީ ކަންބޮޑުވުން ބފާޅުކުރައްވާފައެވެ. އަދި އެމިނިސްޓްރީގެ މުދާތަކެއް ބަހައްޓާފައިވާ ތަނެއްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އެއާއެކު އެކަން ހިނގާފައިވާގޮތް ބަލާނެކަމަށް ސިޓީކައުންސިލުން ވަނީ ކުރިން ވިދާޅުވެއެވެ. އޭގެފަހުން އެކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެގުދަން ހުރި ބިމަކީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބިމެއްކަމަށެވެ. އަދި އެބިމުގައި އެއްވެސް ގުދަނެއް ހަދަން ސިޓީ ކައުންސިލުން އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ވާކަމަށް ކައުންސިލުގެ އެއްވެސް ލިޔެކިއުމަކުން އެނގެން ނެތްކަމަށެވެ.
އެހެންކަމުން މާލޭގެ 353 ނަންބަރު ކޮށީގެ ދެކުނުފަރާތު ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑު އާއި ދެމެދު ހަދާފައިވާ ގުދަން ހަދާފައިވަނީ މާލޭ ސިޓީ ކައުންސިލުން ހުއްދަ ދީގެން ނޫން ކަމަށްވެސް އެކައުންސިލުން ވިދާޅުވެއެވެ.
މާލޭގެ 353 ނަންބަރު ކޮށީގެ ދެކުނުފަރާތު ކުރީގެ ރުމާލު ޖަގަހަ އާއި ޓޯޔާޑު އާއި ދެމެދު ހަދާފައިވާ ގުދަން ހުސްކުރުމާ ގުޅޭގޮތުން ކަންހިންގާފައިވާގޮތް އޮޅުންއަރާފައިވާތީ، އެކަން ސާފުކޮށްދިނުމުގެ ގޮތުން ނެރޭ ނޫސްބަޔާން. pic.twitter.com/6Ra5bNMSmi
— Male' City Council (@MaleCitymv) April 1, 2023
އެ ގުދަނަކީ ޤަވާއިދާ ޚިލާފަށް މާލޭ ސިޓީ ކައުންސލުގެ ހުއްދަ ނެތި ބޭނުންކުރަމުންދާ ތަނަކަށްވާތީ، އެ ގުދަނުގައި ބަހައްޓާފައި ހުރި ތަކެތީގެ ވެރިފަރާތެއް ހޯދުމަށް 2022ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 04 ވަނަ ދުވަހުން ފެށިގެން 10ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ ގެޒެޓުގައި އާންމުކޮށް އިއުލާނުކޮށްފައިވާނެކަމަށާ، ޑިސެމްބަރ މަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް އެ ގުދަނުގައި ތަކެތި ބަހައްޓާފައިވާ ފަރާތަކުން އެކަން މާލޭ ސިޓީ ކައުންސިލަށް ނާންގާނަމަ ނުވަތަ އެ ގުދަން ކުއްޔަށް ހިފައިގެން ބޭނުންކުރާ ކަމުގެ ލިޔުންތައް ހުށަހަނާޅާނަމަ އެ ގުދަން ރޫޅާލައި އެ ގުދަނުގައި ހުރި ތަކެތި މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެކަން އާންމުކޮށް އަންގައި އިއުލާނު ކުރިކަމަށް ސިޓީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
އެހެން ނަމަވެސް 2023ވަނަ އަހަރުގެ މާޗު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށްވެސް މާލޭ ސިޓީ ކައުންސިލަށް އެއްވެސް ފަރާތަކުން އެ ގުދަން ބޭނުންކުރާ ކަމުގެ ލިޔުމެއް ހުށަހަޅާފައި ނުވާކަމަށާ، އެއާއެކު އެގުދަނަކީ ވެރިފަރާތެއް ނެތްތަނެއްގެ ގޮތުގައި ބަލައި އެ ގުދަން ހުސްކުރީކަމަސް ސިޓީކައުންސިލުގެ ނޫސްބަޔާނުގައި ވެއެވެ.