މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވުމާއި ގުޅިގެން އެޕާޓީގެ ލީޑަރޝިޕްގެ ގިނަ ބޭފުޅުން ޤާސިމަށް މަރުހަބާ ދެންނެވި ނަމަވެސް އަނބިކަނބަލުން އަދި ޓްރާސްޕޯޓް މިނިސްޓަރ އައިޝަތު ނުހުލާ ޤާސިމަށް މަރުހަބާ ވިދާޅެއް ނުވިއެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ފުރަތަމަ މަސައްކަތް ފެށި ހިސާބުންވެސް ނަހުލާގެ މާބޮޑު ތާއީދެއް މިކަމަށް ނެތެވެ. އެގޮތުން އެޕާޓީގެ ކޮންގްރެސްގައި ރިޔާސީ އިންތިޚާބުގައި ޖޭޕީން ވާދަކުރުމާއި ގުޅޭގޮތުން ހުށަހެޅި ޤަރާރުގެ ބަހުސް ކުރިއަށް ދިޔައިރުވެސް ނަހުލާ ބައިވެރިވެފައި ނުވެއެވެ.
ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކެނޑިޑެޓެއްގެ ގޮތުގައި ޤާސިމް ކުރިމަތިލެއްވި ހިސާބުން އެޕާޓީގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ ބޭފުޅުން ދަނީ ޤާސިމަށް މަރުހަބާ ދަންނަވަމުންނެވެ. ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރުންގެ ތެރޭގައި ހިމެނޭ ހަމައެކަނި އަންހެން ބޭފުޅާ އަދި ޤާސިމްގެ އަނބިކަނބަލުން ނަހުލާ މިހާތަނަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ނިންމި ނިންމުމާއި، އަދި ޤާސިމް ކުރިމަތިލުމަށް ނިންމި ނިންމުމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ. އަދި ލީޑާޝިޕްގެ ގިނަ ބޭފުޅުން ޤާސިމަށް މަރުހަބާ ދަންނަވަމުންދާ އިރުވެސް ނަހުލާ އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.
ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ ބޭފުޅުންގެ ތެރެއިން އިސް މަޤާމުތަކުގައިި ތިއްބެވި ބޭފުޅުން ގެންދަވަނީ ޖޭޕީ ދޫކޮށް ރައީސް ޞާލިހަށް ތާއީދު ކުރައްވަމުންނެވެ. ނަމަވެސް މިހާތަނަށް މިނިސްޓަރ ނަހުލާ އަދި މިކަމުގައިވެސް އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.
މިނިސްޓަރ ނަހުލާ ސިޔާސީ މަސައްކަތަށް ނިކުތީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޤާސިމް ޖަލަށް ލުމާއި ގުޅިގެންނެވެ. ނަހުލާ ވަނީ ސިޔާސީ ގޮތުން އޭރުކުރި މުޒާހަރާތަކާއި އެއްވުންތަކުގައި ކުރީސަފުގައި ހަރަކާތްތެރިވެފައެވެ. އަދި އެދުވަސްރު ވެރިކަން ބަދަލުކުރުމަށް ކުރި މަސައްކަތުގައިވެސް ނަހުލާއަކީ މުހިންމު ދައުރެއް އަދާކުރެއްވި ބޭކަނބަލެކެވެ.
ކޮމެންޓު ފޮނުވާ