ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ހައި ކޯޓުގައި ބުނެފިއެވެ.
އެހެން މައްސަލައެއްގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާކުރާ މައްސަލާގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތަކެއް އެ މަނިކުފާނުގެ ފަރާތްޕުޅުން ވަނީ އިސްތިއުނާފްކޮށްފައެވެ.
ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ބައެއް ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރިޔަސް، އިސްތިއުނާފީ މިންގަނޑާ ހަމައަށް ނާދެވޭ ކަމަށެވެ. ސަބަބަކީ ހެކި ބަލައިގަތުމާއި ނުގަތުމަކީ ފަނޑިޔާރުންގެ ތަގްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ހެކި ބަލައިގަތަސް، އެ ހެކިތަކާ ބެހޭގޮތުން ކޯޓުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފަހުގެ މަރުހަލާއެއްގައި އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.
ބައެއް ލިޔުންތައް ހެކީގެ ގޮތުގައި ހޯދަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުން ވެސް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާތީ އެ ނިންމުން ވެސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފަށް ހުށަހަޅާފައިވެއެވެ.
ޔާމީންގެ ވަކީލު ޝިޔާޒު ވިދާޅުވީ އުފުލާފައިވާ ދައުވާއަކީ ވަކި މުއާމަލާތާ ގުޅޭ ދައުވާތަކެއް ނަމަވެސް އެ މުއަމާލަތާ ގުޅުވައިގެން އެންމެ ޝަފައީ ހެއްކެއް ވެސް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ.
ބޭކާރު ހެކިތަކެއް، މުޅީން އެހެން މުއާމަލާތްތަކާއި ދައްކާފައި ހުރި ވާހަކަތަކެއް މި ދައުވާތަކުގެ ތެރެއަށް ވައްދަން ޖެހޭ ސަބަބެއް އޮވެގެން ނުވާނެ، މި އުޅެނީ ބަޔަކު ހާޒިރުކޮށްގެން ތަފާތު ތުހުމަތުތަކެއް އުފައްދައިގެން އަޅުގަނޑުގެ މުވައްކިލު (ރައީސް ޔާމީން) ގެ އަބުރު ކަތިލަން.
– ޝިޔާޒު ވިދާޅުވިއެވެ.
ދައުލަތުގެ ފަރާތުން ފާހަގަ ކުރި ކަމަކީ މިއީ އިސްތިއުނާފު ކުރެވޭނެ މައްސަލައެއް ނޫން ކަމަށެވެ. އެ ގޮތުން ފަނޑިޔާރުން ހެކި ބަލައިގަންނަ މައްސަލައެއް ހުށަހެޅޭނެ ހާލަތެއް ވުޖޫދުގައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
މި މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައެވެ. ގާނޫނުގައި ބުނާ ގޮތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން އިސްތިއުނާފު ކުރާ މައްސަލަތައް ހަތް ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެ މުއްދަތުގެ ތެރޭގައި ހުކުމް ކުރަން އަޑުއެހުމެއް ބާއްވާނެ ކަމަށް ރިޔާސަތުން ބުންޏެވެ.
ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ދީބާނާޒް ފަހުމީއެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއުއެވެ. ޔާމީން މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައެވެ. އެ މައްސަަލަ އިސްތިއުނާފް ކޮށްފައި ވިޔަސް، އިސްތިއުނާފް މިހާތަނަށް ބަލައެއް ނުގަނެއެވެ.
ކޮމެންޓު ފޮނުވާ