ޤާސިމަށް ފުރަތަމަ މަރުހަބާ ދެންނެވީ ސްޕެޝަލް އެންވޯއީ އިލްހާމް!

ޤާސިމަށް ފުރަތަމަ މަރުހަބާ ދެންނެވީ ސްޕެޝަލް އެންވޯއީ އިލްހާމް!

Author
މުޙައްމަދު ޝަޒައިމް
30 މާރޗް 2023 12:15
0

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ޤާސިމް ނިންމެވި ނިންމުމާއިއެކު ޤާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މަރުހަބާ ދަންނަވައިފިއެވެ.

ޤާސިމް ވަނީ އިންތިޚާބުގައި ވާދަކުރުމަށްޓަކައި މީގެ އިރުކޮޅެއް ކުރިން ޖޭޕީ އޮފީހަށް ފޯމު ހުށަހަޅާފައެވެ. އިލްހާމް ވިދާޅުވީ މިއުފާވެރި ދުވަހު ޤާސިމް އަށާއި، ޖޭޕީގެ އެންމެހާ ބޭފުޅުންނަށް ތަހުނިޔާ ދަންނަވާކަމަށެވެ.

މި ތާރީޚީ ދުވަހުގެ މަރުހަބާ އާއި ހެޔޮދުޢާ ޖުމުހޫރީ ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމް އަރިސްކުރަން. މިއަޅުގެ ދުޢާއަކީ މާތް ރަސްލަކާންގެ ރަހުމަތްފުޅުން 2023 ގެ ރިޔާސީ އިންތިޚާބް އޮނަރަބުލް ޤާސިމް އިބްރާހިމް ކާމިޔާބްކުރެއްވުން.

– އިލްހާމް ވިދާލުވިއެވެ.

ޤާސިމްގެ މިނިންމުމާއިއެކު އެޕާޓީގެ ކައުންސިލްގެ ގިނަ ބޭފުޅުންނާއި ސިޔާސީ މަސްރަހުގައިި ތިއްބެވި ގިނަ ބޭފުޅުން ވަނީ މަރުޚަބާ ދަންނަވައި ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައެވެ. ޤާސިމްގެ އިންތިޚާބުގައި ވާދަކުރަން ނިންމެވިއިރު، ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރު ކޯލިޝަންގައެވެ. ރައީސް ޞާލިހު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކެމްޕެއިން ފަށާ ހިސާބުން ކޯލިޝަންގައި ބޭތިއްބުމަކީ ދަތިކަމެއްކަމަށެވެ.

ޤާސިމްގެ މިނިންމުމާއިއެކު ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ޖުމްހޫރީ ޕާޓީގެ ބައެއް ބޭފުޅުން ޕާޓީން ވަކިވާނެކަމަށް ބެލެވެއެވެ. އެބޭފުޅުންގެ ތާއީދު އޮތީ ރައީސް ޞާލިހާއެކުގައެވެ. ޤާސިމްގެ މިނިންމުމާއިއެކު ސިޔާސީ މަސްރަހަށް ބޮޑު ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ޚާއްސަކޮށް، ޤާސިމާއިއެކު ރައީސް ނަޝީދު ހުންނެވުމުން މިއީ ރައީސް ޞާލިހާއި އެމްޑީޕީއަށް އޮތް ނުތަނަވަސް ކަމެކެވެ.

ޖުމްހޫރީ ޕާޓީންވެސް މަސައްކަތް ކުރަމުންދަނީ ގިނަ ބަޔަކާއިއެކު ކޯލިޝަނެއްގެ ތެރެއިން ވެރިކަމަށް އައުމަށް އައުމަށެވެ. ނަމަވެސް މިހާތަނަށް އަދިި ފެންނަން އޮތީ ޖޭޕީއާއިއެކު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ ބޭފުޅުން ތިއްބެވިތަނެވެ. އަދާލަތާއި، އެމްޑީއޭއިން ކޯލިޝަން ހަދާފައިވަނީ ރައީސް ޞާލިހާއިއެކު ކުރިއަށް ދިއުމަށެވެ. މިހާތަނަށް އެއްވެސް ގޮތެއް ނުނިންމަނީ އެމްއާރުއެމްއިންނެވެ. އެމްއެންޕީން ރިޔާސީ އިންތިޚާބުގައި ވާދަކުރާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް އޮތީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.