ޖޭޕީގެ ދާއިރާ ރައީސުންނަށް ކައުންސިލްގެ ޖާގަ

ޖޭޕީގެ ދާއިރާ ރައީސުންނަށް ކައުންސިލްގެ ޖާގަ

Author
މުޙައްމަދު ޝަޒައިމް
29 މާރޗް 2023 11:17
0

ޖުމުހޫރީ ޕާޓީގެ ދައިރާ ރައީސުން އިންތިޚާބު ކުރުމަށް ނިންމާ، ދައިރާ ރައީސްގެ މަގާމަށް ކުރިމަތިލައި އިންތިޚާބުވާ ފަރާތްތަކަށް ޕާޓީގެ ކައުންސިލުގައި ތަމްސީލް ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެންވޯއީ އަދި ދާއިރާ ރައީސުން އިންތިޚާބު ކުރާ ކޮމެޓީގެ ޗެއާ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖޭޕީންގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވިދާޅުވީ އިދާރީ ދާއިރާތަކުގެ ދާއިރާ ރައީސް ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުން އޭޕްރީލް 20 ދުވަހުގެ މެންދުރުފަހު 03:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރުމަށްފަހު ޕާޓީގެ ނަމްބަރު 7478414 އަށް ވަޓްސްއެޕް ކޮށްދިނުން އެދޭކަމަށެވެ. ފޯމު ހުށަހަޅާ ފަރާތްތަކުން 50 މީހުންގެ ސޮޔާއިއެކު ޕާޓީއަށް ފޯމު ހުށަހެޅުމަށް އިލްހާމް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަން ޖެހޭ ތަކެތި އެޕާޓީގެ ހެޑްކްއާޓާރ މ.ކްނޫޒް އަށް ވެސް ހުށަހެޅޭނެ ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ. އިލްހާމް ވިދާޅުވީ ޖޭޕީގެ ދާއިރާ ރައީސުންނަކީ ޕާޓީގެ އަސާސީ ގަވާއިދަށް މިހާރު ގެނެސްފައިވާ އިސްލާހުގައި ވާގޮތުން ޕާޓީގެ ކައުންސިލުން ޖާގަ ލިބިގެންދާނެ ބައެއް ކަމަށެވެ.

ކުރިއަށް އޮތް ތަނުގައިި ސިޔާސީ ގޮތުން ކާމިޔާބު މަސައްކަތްތަކެއް ކުރުމަށް މިފުރުސަތަކީ ކޮންމެ ރައްޔިތަކަށްވެސް ފުރުސަތެއްކަން ފާހަގަކޮށް އިލްހާމް ވަނީ ޖުމްހޫރީ ޕާޓީއާއި ގުޅުމަށް އިލްތިމާސް ކޮށްފައެވެ. އަދި ޖޭޕީއަކީ ސިޔާސީ ގޮތުން އެމީހަކު ދާން ބޭނުންވާ ކޮންމެ ހިސާބަކަށް ގެންގޮސް ދިނުމުގައި އެއްވެސް ހުރަހެއްނެތި ފުރުސަތު އޮތް ޕާޓީއެއްކަމަށެވެ.

ދާއިރާ ރައީސުން އިންތިޚާބު ކުރުމުގެ ކަންކަން ބެލެހެއްޓުމަށް މިއަދު އެޕާޓީންވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. އެކޮމިޓީގެ ޗެއަރއަކަށް އައްޔަން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އިލްހަމް އަހުމަދުއެވެ.

މި ކޮމިޓީގައި ހިމެނޭ މެމްބަރުންނަކީ:

– ސެކްރެޓަރީ ޖެނެރަލް އަލީ އާރިފް
– ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ޙުސައިން މަނިކު
– ލީޑަރުގެ އެޑްވައިޒަރު އަބްޅޯ އަހުމަދު
– ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު ނަވާޒް
– ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަޙުމަދު
– ލީޑަރުގެ އެޑްވައިޒަރު އިގްބާލް އާދަމް
– ލީޑަރުގެ އެޑްވައިޒަރު ހަސަން މުޣުނީ
– ޑެޕިއުޓީ ލީޑަރު އަހުމަދު ސައުދު
– ސުލޫކީ ކޮމެޓީގެ ޗެއާ ޙުސައިން ޝަހުދީ
– ޖޭޕީ ޒުވާނުންގެ ލީގުގެ ރައީސް ޔާމީން ރަޝީދު

ޖުމުހޫރީ ޕާޓީން މިހާރު ދަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރު ވަމުންނެވެ. އަދި ޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.