ނަހަމަގޮތުގައި ބޭނުންކުރަމުން އަންނަ ސިމްކާޑްތައް ބްލޮކްކޮށް، އެކަކަށް މޯބައިލް ސިމް ނެގޭ މިންވަރު ކަނޑައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް އަންނަ މެއި މަހުގެ ތެރޭގައި ފަށާނެކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ވިިދާޅުވެއްޖެއެވެ.
އެކަކަށް މޯބައިލް ސިމް ނެގޭ އުސޫލެއް ޤާއިމްކުރަން ނިންމާފައި މިވަނީ އޮޅުވާލައިގެން އެކިގޮތްގޮތުން ފައިސާ ހޯދުމަށް އެހެން މީހެއްގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ނުވަތަ ބިދޭސީންގެ ނަމުގައި ނަގާފައިވާ ސިމް ކާޑު ބޭނުންކުރަމުންދާ މައްސަލަތައް އިތުރުވަމުންދިއުމާއި ގުޅިގެންކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީއިން މަޢުލޫމާތުދެއެވެ.
ރާއްޖޭގައި މޮބައިލް ސިމް ކާޑު ގަނެފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ ބިދޭސީންކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި ނޫޅޭ ބިދޭސީން، ކޮންމެ މީހަކަށް އެވްރެޖްކޮށް 5،000 ސިމް ކާޑު ނަގާފައިވާކަމަށް ފުލުހުން ހާމަކުރައްވާފައިވެއެވެ.
އެގޮތުން އެކެއްގެ ނަމުގައި ގިނަ ސިމްތަކެއް ނަގާފައިވާ ނަމަ އެ ސިމްތައް ވެރިފައިކޮށް އެ ފަރާތުގެ އައިޑެންޓިޓީ ވެރިފައި ކުރުމަށްފަހު އެ ލިސްޓުން ނަމްބަރުތައް ކެނޑުމުގެ މަސައްކަތްވެސް މެއި މަހު ފަށްޓަވާނެކަމަށް އެއޮތޯރިޓީއިން ހާމަކޮށްފައިވެއެވެ. އަދި 3 މަސްދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމާލެވޭ ވަރުވާނެކަމަށް ވެސް ހާމަކޮށްފައިވެއެވެ.
ޑިޖިޓަލް އައިޑީގެ ނިޒާމްއަކީ އޯޓީޕީ ނައްތާލުމަށް ތަޢާރަފްކުރާ ނިޒާމެއްކަމަށާއި އަދި މި ނިޒާމް ފުޅާވެގެން ދިޔުމުން އޯޓީޕީއަށް ބަރޯސާވުން ކުޑަކުރެވިގެންދާނެކަމަށާއި، މީގެ ސަބަބުން ސައިބަރ ސެކުއިޓީގެ މައްސަލަތަކައް ހައްލު ލިބޭނެކަމަށް ވެސް ކޮމިއުނިކޭޝަން އޮތޯރިޓީއިން ބުނެއެވެ.
ސްކޭމްތައް އިތުރުވުމާ ގުޅޭގޮތުން އެސްއޯއީ ކޮމިޓީގެ އެދުމަށް ފުލުހުން ހުށަހެޅި ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ އެންމެ ބޮޑު މައްސަލައަކީ އެކެއްގެ ނަން މަތީގައި ގިނަ ސިމް ނެގޭ ގޮތަށް އޮތުމެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް ފުލުހުން ފޮނުވި ރިޕޯޓުގައިވާގޮތުން އެކަކުގެ ނަމުގައި 800 ސިމް ކާޑު ނަގާފައިވެއެވެ. އަދި 2 ބިދޭސީއެއްގެ ނަމުގައި 24،000 ސިމް ކާޑު، 12 ބިދޭސީއެއްގެ ނަމުގައި 38،000 ސިމް ކާޑު ނަގާފައިވާކަންވެސް ފުލުހުންގެ ރިޕޯޓުގައިވެއެވެ. މިޢާއެކު ޖުމްލަ 14 ބިދޭސީއެއްގެ ނަމުގައި 62،000 ސިމް ކާޑު ވަނީ ނަގާފައެވެ.
ފުލުހުންގެ ރިޕޯޓުގައިވާގޮތުން އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުގެ ތެރެއިން 305 ނަންބަރަކީ މާފުށި ޖަލުގައި ތިބި ގައިދީން ބޭނުންކޮށްފައިވާ ނަންބަރުތަކެވެ. އެހެންކަމުން މާފުށީ ޖަލުގައި ޖޭމަރު ހަރުކޮށްގެން ކޯލް ނުކުރެވޭނެ ގޮތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ