އައްޑޫ ސިޓީގެ ފޭދޫ، ހިތަދޫ، ހުޅުދޫ އަދި މީދޫއިން ދޫކުރުމަށް އިއުލާން ކޮށްފައިވާ 1،000 ގޯއްޗަށް 4،000 އަށްވުރެ ގިނަ ފަރާތަކުން ފޯމު ހުށަހަޅާފައިވާކަން ސިޓީ ކައުންސިލުން ހާމަ ކޮށްފިއެވެ.
އައްޑޫ ސިޓީއިން ގޯތި ދޫކުރުމަށް ހުޅުވާލީ، ފާއިތުވި ޖެނުއަރީމަހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
މިގޮތުން ގޯތި ދޫކުރުމަށް ހުޅުވާލި އަދަދުތަކަކީ ހުޅުދޫއިން 2،000 އަކަފޫޓުގެ 100 ގޯއްޗާއި މީދޫން 2،000 އަކަފޫޓުގެ 100 ގޯއްޗާއި ފޭދޫއިން 1،500 އަކަފޫޓުގެ 300 ގޯއްޗެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނެފައިވަނީ، ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 4،134 ފޯމު ހުށަހަޅާފައިވާ ކަމުގައެވެ. މިގޮތުން އެންމެ ގިނައިން ފޯމު ހުށަހަޅާފައިވަނީ އެ ސިޓީގެ ހިތަދޫން ދޫކުރުމަށް އިއުލާން ކޮށްފައިވާ ގޯތިތަކަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ހިތަދޫގެ ކެޓަގަރީ އޭ އަށް 2،198 ފޯމްއާއި ކެޓަގަރީ ބީ އަށް ހުށަހަޅާފައިވާ 300 ފޯމްއެވެ. ދެވަނައަށް އެންމެ ގިނަ މީހުން ފޯމް ހުށަހަޅާފައިވަނީ އައްޑޫ ސިޓީގެ ފޭދޫއިން ދޫކުރާ ގޯތި ތަކަށެވެ. މިގޮތުން ފެދޫގެ ކެޓަގަރީ އޭ އަށް 887 ފޯމް ހުށަހަޅާފައިވާއިރު ފޭދޫގެ ކެޓަގަރީ ބީ އަށް 181 ފޯމް ހުށަހަޅާފައިވާކަން ސިޓީ ކައުންސިލުން ހާމަ ކޮށްފައި ވެއެވެ.
ސިޓީ ކައުންސިލުން ބުނެފައިވަނީ ފޯމުތައް އިވޭލުއޭޓް ކުރުމަށް އެކުލަވާލާނީ މިނިވަން ކޮމިޓީއެއް ކަމުގައެވެ. އަދި ފޯމުތައް އިވޭލުއޭޓްކޮށް، އަންނަ ޖޫންމަހު ގޯތިތައް ހަވާލު ކުރުމަށް މަސައްކަތް ކުރަމުން ދާކަމުގައެވެ.
އައްޑޫ ސިޓީން ގޯތި ދޫނުކުރާތާ އެތައް އަހަރެއް ވެފައިވާއިރު، އެ ސިޓީގެ އަވަށްތަކުގެ ރައްޔިތުނަށް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތި ވެފައެވެ.
ކޮމެންޓު ފޮނުވާ