ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޮކޭޑަށް ހުރަސްއެޅި މައްސަލަގައި، ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.
ކޯޓުން މިއަދު ދޫކޮށްލާފައިވަނީ އަންހެނަކާ ފިރިހެނެކެވެ. މި ދެ މީހުންނަކީ މޮޓޯކޭޑަށް ހުރަސް އަޅައިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ފަސް ދުވަހަށް ބަންދު ކުރި ދެ މީހުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ރައީސް ސޯލިހްގެ މޮޓޮކޭޑަށް ހުރަސްއެޅި މައްސަލަގައި ބަލަންޖެހޭ ކަންކަން ބަލަމުން ގެންދާކަމަށް އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.
މޮޓޯކޭޑަށް ހުރަސް އެޅުމުގެ ހާދިސާ ހިނގީ މިދިޔަ ހަފްތާގައެވެ. އިދިކޮޅު ތުހުމަތުކުރަނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ގޮސް ކުއްލިއަކަށް އިހްތިޖާޖުގެ ބައިވެރިންގެ ތެރެއަށް ވަދެގަތީ ކަމަށެވެ. އަދި އެއީ ރޭވިގެން ހިންގި އަމަލެއްކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި ބުނީ ރައީސްގެ މޮޓޮކޭޑް އެސަރަހައްދަށް ދިޔަ ވަގުތަކީ އިހްތިޖާޖުގެ ބައިވެރިން އިހްތިޖާޖު ނިންމާލުމަށްފަހު، ޕީޕީއެމް އޮފީސް ދޮރުމައްޗަށް ޖަމާވި ވަގުތު ކަމަށެވެ. ރައީސްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ، އެމްއެންޑީއެފުން ބަލަމުން އަންނަ އިރު އެމައްސަލާގައި ފުލުހުންވެސް އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސަލަމަތީ ހިދުމަތްތަކަ ބެހޭ ކޮމެޓީންވެސް މައްސަލަ އަންނަނީ ބަލަމުންނެވެ.
އެމްއެންޑީއެފުން މައްސަލަ ބަލަމުން ގެންދާއިރު ރައީސްގެ ސެކިއުރިޓި ކޮމާންޑަރު ވަނީ މިހާރު ސަސްޕެންޑްކޮށްފައެވެ. އަދި ރައީސްގެ ސެކިއުރިޓީ ކޮމާންޑަރުކަމަށް ވަގުތީގޮތުން މޭޖަ އިބްރާހިމް ހަލީމް އައްޔަންކޮށްފައިވާ ކަމަށެވެ.