ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމްގެ އެކްޓިވިސްޓަކު ހައްޔަރުކޮށްފިއެވެ.
ރައީސް ޞާލިހުގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހުކުރު ދުވަހު ހަވީރު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައިވަނީ އިދިކޮޅުގެ އެކްޓިވިސްޓެއް ކަމަށްވާ މުހައްމަދު އައްބާސްއެވެ.
ރައީސްގެ މޮޓޯކޭޑު ހުއްޓުވައި، ހުރަސް އަޅާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ނިންމަވާލެއްވުމަށްފަހު ރައީސް ވަޑައިގަންނަވަަނިކޮށެވެ. އެގޮތުން، ބޮޑުތަކުރުފާނު މަގުން އެމަނިކުފާނުގެ މޮޓޯކޭޑު ދަތުރުކުރަނިކޮށް އެ ސަރަހައްދުގައި އޭރު މުޒާހަރާކުރަން ތިބި މީހުން އެމަނިކުފާނުގެ ކާރުކޮޅު ހުއްޓުވައި ހުރަސްއެޅިއެވެ.
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލާގައި އިތުރު މީހަކު ހައްޔަރުކުރި ނަަމަވެސް މިކަމާ ބެހޭ ގޮތުން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. އިދިކޮޅު ސަޕޯޓަރުން ވަނީ ރައީސްގެ މޮޓޯކޭޑް ފެނުމާ އެކު މަގު ބަންދުކޮށް މަގު މެދުގައި އިށީނދެފައެވެ.
އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި މުޒާހަރާގެ ބައިވެރިން އެ ތަނުން ދުރަށް ނުދިއުމުން ސިފައިންގެ ސްޕެޝަލް ފޯސް އިން ހަތިޔާރާ އެކު ވެހިކަލްތަކުން ފައިބައި ދުރަށް ދިއުމަށް ވެސް އެންގިއެވެ. އެކަމަކު އެމީހުންގެ އެންގުމަށް ވެސް ދުރަށް ނުދިއުމުން ރައީސްގެ ބޮޑީގާޑުން ވަނީ އެ މަނިކުފާނުގެ ކާރުކޮޅު އަނބުރާލައި އެހެން މަގަކުން ގޮސްފައެވެ. މިއީ ރާއްޖޭގައި މުޒާހަރާއެއްގެ ބަޔަކު ރައީސެއްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހުއްޓުވި ފުރަތަމަ ފަހަރެވެ. އެހެންވެ ސެކިއުރިޓީ ފެއިލްވި މައްސަލައާ ގުޅިގެން ވަނީ އެމްއެންޑީއެފަށް ފާޑުކިޔުން އަމާޒުވެފައެވެ.
ރައީސްގެ މޮޓޯކޭޑަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގުމުން އެސަރަހައްދުން މޮޓޯކޭޑަށް ދެވުނީ 10 ވަރަކަށް މިނިޓްފަހުންނެވެ. މޮޓޯކޭޑަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުން ހުރަސް އަޅައި ހިންގި އަމަލުތަކުގައި ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތާއިގުޅޭ ތަފްސީލީ މައުލޫމާތު ހޯދުމަށް، ސަލާމަތީ ބާރުތައް، މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ 241 ކޮމެޓީއަށް ހާޒިރުކުރަންވަނީ ނިންމާފައެވެ. އަދި ދިފާއީ ބާރުން ވަނީ އެ މައްސަލަ ބެލުމަށް ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.
One Response
ހައްޔަރު ކުރަންޖެހޭ. ހަރުކަށި އަދަބުވެސް ދޭންޖެހޭ. ގައުމުގެ އެންމެ އިސްވެރިޔާއާއި ދިމާކޮށްލަންދޫކޮށްލެވިގެން ނުވާނެ.