ދީޕިކާގެ ސޯޝަލް މީޑިއާ ޑީޕީއަށް ކުރީގެ ލޯބިވެރިޔާ! މީ ކިނިނެތް ވާކަމެއް؟

ދީޕިކާގެ ސޯޝަލް މީޑިއާ ޑީޕީއަށް ކުރީގެ ލޯބިވެރިޔާ! މީ ކިނިނެތް ވާކަމެއް؟

Author
ޢަލީ އާދަމް
28 ނޮވެމްބަރ 2020 03:27
0

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯންގެ ސޯޝަލް މީޑިއާ ކުރިހާ އެކައުންޓެއްގެ ޑިސްޕްލޭ ޕިކްޗަރ، ޑީޕީއަށް ކުރީގެ ލޯބިވެރިޔާ ރަންބީރް ކަޕޫރާއެކު އިން ފޮޓޯއް ލައިފިއެވެ.

ފަހުން އެކްޓަރ ރަންވީރް ސިންގް އާއި ކައިވެނިކޮށް، ވަރަށް ލޯބިން އުޅެމުންގެންދާ ދީޕިކާގެ މި އަމަލުގެ ސަބަބުން އޭނަގެ ފޭނުންވެސް ތިބީ ވަރަށް ބޮޑަށް ހައިރާން ވެފައެވެ. ދިޕިކާ އޭނަގެ ސޯޝަލް މީޑިއާ އެކައުންޓް ތަކަށް ރަންބީރް ކަޕޫރާއެކު ނަގާފައިވާ ފޮޓޯ ލާފައި ވަނީ އިއްޔެއެވެ.

ނަމަވެސް އޭނާ މިގޮތަށް ފޮޓޯ ބަދަލުކޮށްފައި ވަނީ ރަންވީރް ސިންގް އާއި މައްސަލައެއް ޖެހިގެނެއް ނޫނެވެ. ނުވަތަ ރަންބީރް ކަޕޫރާ އަލުން ގުޅޭތީއެއްވެސް ނޫނެވެ.

އިއްޔެއަކީ ރަންބީރް ކަޕޫރާ ދީޕިކާގެ ކާމިޔާބު ފިލްމު "ތަމާޝާ" އަށް 5 އަހަރު ފުރުނު ދުވަހެވެ. ޑައިރެކްޓަރ އިމްތިޔާޒް އަލީގެ މި ފިލްމު ރިލީޒްކުރީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދީޕިކާ ޕްރޮފައިލް ތަކަށް ލާފައި ވަނީ އެ ފިލްމުގެ މެއިން ޕޯސްޓަރަށް އެ ދެތަރިން އެކުގައި ނަގާފައިވާ ފޮޓޯއެވެ. މީގެ އިތުރުން އެ ފިލްމުގައި ދީޕިކާގެ ކެރެކްޓަރގެ ނަން ކަމަށްވާ ތާރާގެ ނަމަށް ހުރިހާ އެކައުންޓެއްގެ ނަންވެސް އޭނާ އިއްޔެ ވަނީ ބަދަލުކޮށްފައެވެ.

"ތަމާޝާ" އަކީ އެ ފިލްމު ނެރުނު ދުވަސްކޮޅު މީހުން އެހާ ބަލައިގަތް ފިލްމެއް ނޫނެވެ. ނަމަވެސް ތަފާތު ލޯބީގެ ވާހަކައެއް ގެނެސްދީފައިވާ މި ފިލްމަކީ މިހާރުގެ ޒުވާނުންގެ މެދުގައި މަޤްބޫލު ފިލްމެކެވެ. ދީޕިކާ އަކީ މި ފިލްމަށް އިމްތިޔާޒްގެ ފުރަތަމަ ޗޮއިސްއެއްވެސް ނޫނެވެ. ފުރަތަމަ މި ފިލްމު ހުށަހެޅީ އެކްޓަރ އަނުޝްކާ އަށެވެ.

ދިޕިކާ އާއި ރަންބީރަށް މި ފިލްމު ހާއްސަ ވާ އަނެއް ސަބަބަކީ މިއީ އެދެތަރިންގެ ބްރޭކަޕަށް ފަހު ކުޅުނު ފުރަތަމަ ފިލްމަށް ވުމެވެ.

2008 ވަނަ އަހަރު ރަންބީރް ކަޕޫރާއެކު " ބަޗްނާ އޭ ހަސީނޯ" ކުޅެމުން ދިޔަ ދުވަސްވަރު ދީޕިކާއާއި އޭނާއާ ދެމެދު އުފެދުނު ލޯބީގެ ތެރެއިން، އެ ދެތަރިން ވަނީ އެ އަހަރުގެ ނޮވެމްބަރ މަހު އެންގޭޖްވެސް ވެފައެވެ. ނަމަވެސް އޭގެ އެއް އަހަރު ފަހުން އެ ދެމީހުން ބްރޭކަޕް ވުމަށްފަހު، ދީޕިކާ ރަންވީރް ސިންގް އާ ޑޭޓްކުރަން ފެށީ 2012 ވަނަ އަހަރުއެވެ. އަދި މި ދެތަރިން ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު އިޓަލީގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.