މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ވެސް ރަމަޟާން މަހުގެ އެލަވަންސާއެކު އިތުރު ފައިސާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެމްޕީއެލްގެ މައި ބަނދަރާއި އަދި ސަރަހައްދީ ބަނދަރުތަކުގައި ވެސް މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން ރަމަޟާން މަހުގެ އެލަވަންސްއާއި އެކު އިތުރު 2،000 ރުފިޔާ މުވައްޒަފުންނަށް ދިނުމަށް އެ ކުންފުނީގެ ބޯޑުން ވަނީ ނިންމާފައެވެ.
އެމްޕީއެލް އިން ބުނީ ރަމަޟާން މަހުގެ އެލަވަންސްގެ އިތުރަށް، އިތުރު ފައިސާ ދިނުމަށް އެކުންފުނިން ނިންމީ އެމްޕީއެލްގެ ބަނދަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރޯދަ މަހުގެ ތެރޭގައިވެސް ގިނަ ވަގުތު މަސައްކަތް ކުރާ ބަޔަކަށް ވާތީ އެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށް ކަމަށެވެ.
ރަމަޟާން މަހަކީ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ މަހެއް ކަމަށާއި އަދި އެކުންފުނީގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިޔަށް ގެންދިއުމުގައި ބޮޑު ދައުރެއް އަދާ ކުރަނީ ކުންފުނީގެ މުވައްޒަފުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލްގެ އިތުރުން އެމްއޭސީއެލް އިން ވެސް ވަނީ ރަމަޟާން މަހުގެ އެލަވަންސާއެކު އިތުރު 2،000 ރުފިޔާ ދިނުމަށް ނިންމައިފައެވެ.
ކޮމެންޓު ފޮނުވާ