ނަޝީދަށް އެމްޑީޕީ ތެރޭގައި ވަކި ފެކްޝަނެއް ނުހެދޭނެ: ރައީސް

ނަޝީދަށް އެމްޑީޕީ ތެރޭގައި ވަކި ފެކްޝަނެއް ނުހެދޭނެ: ރައީސް

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2023 07:54
0

އެމްޑީޕީގެ ތެރޭގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ވަކި ފެކްޝަނެއް ހަދައިގެން މަސައްކަތް ނުކުރެއްވޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ގާތް އެކުވެރިޔާ ރައީސް ޞާލިހު ވިދާޅުވެެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކާއިއެކު ބޭއްވި މަޝަވްރާތަކަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެމްޑީޕީ ތެރޭގައި ރިޔާސީ އިންތިޚާބަށް ދާއިރު އޮތް ބައިބައި ވުންތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމްޑީޕީއަކީ ވަކި އަސާސްތަކާއި އުސޫލުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޕާޓީއެއް ކަމަށެވެ.

އެމްޑީޕީން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓަކު ނިންމާފައިކަމަށާއި، ދެން އެނިންމުމާއި އެއްގޮތަށް ހުރިހާ މެމްބަރުން އެކީގައި ކުރިއަށް ދިއުން ނޫންގޮތެއް ނޯންނާނެކަމަށެވެ. ޕާޓީ ތެރޭގައި އެއްވެސް މީހަކަށް ވަކި ފެކްޝަންތަކެއް ހަދައިގެން މަސައްކަތް ކުރުމަކީ އެމްޑީޕީގެ އަސާސް ދަންނަ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގައި އެބަ ހުރި އަމަލު ކުރަން ޖެހޭ އުސޫލުތަކެއް، ގަވައިދުތަކެއް، އޭގެ ތެރެއިން މަސައްކަތް ކުރައްވަން ވާނީ. ވަކި ފެކްޝަނެެއް ހަދައިގެން ކަންކަން ކުރާކަށް ޖަގައެއް ނޯންނާނެ. އަޅުގަނޑު ހިތުން މިހާރު ކުރަން ޖެހޭނެ މަސައްކަތަކީ އެމްޑީޕީ އަށް އިލެކްޝަންސް ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތް ޕާޓީގެ ހުރިހާ މެމްބަރުން ކުރުން، އެ ނޫން ކަމެއް އިންތިހާބާ ގުޅޭ ގޮތަކުން ދެން ނޯންނާނެ.

– ރައީސް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ގާތްވަމުންދާއިރު ރައީސް ނަޝީދާއި އެއްވެސް މަޝަވްރާއެއް ކުރައްވައިފިންތޯ ނޫސްވެރިއަކު ކުރެއްވި ސުވާލުގައި ރައީސް ވިދާޅުވީ އިންތިޚާބާއި ގުޅޭ އެއްވެސް މަޝްވަރާއެއް ނަޝީދާއި މިހާތަނަށް ކޮށްފައި ނުވާނެކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީ އަށް ފަހު، އެމަނިކުފާނު އިސްވެ ހުންނަވައި އެ ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ނަމުގައި ސިޔާސީ ހަރަކާތެއް ވަނީ ފައްޓަވައިފައެވެ. ނަޝީދުގެ އަރިސް ބޭފުޅުން އެންމެ ފަހުން ވިދާޅުވެފައިވާ ގޮތުގައި އެ ހަރަކާތަށް ބައި ލައްކަ އަށް ވުރެ ގިނަ މީހުންގެ ތާއީދު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.