ރާއްޖޭގައި މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ޤަރާރެއް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ ގަރާރު މަޖިލީހަށް ތައާރަފު ކުރުމެވެ.
މިޤަރާރުގައި ޖީއެސްޓީ ބޮޑުކުރުމާއެކު މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ. ގަރާރުގައި ބުނެފައިވަނީ ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާންމުކޮށް ބޭނުންކުރާ ކާބޯތަކެއްޗާއި މުދަލާއި ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން ހަތް ޕަސަންޓު ބޮޑުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 7.82 ޕަސަންޓު އިތުރުވެ ނިސްބަތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 ޕަސަންޓަށްވުރެ އިންފްލޭޝަން އުފުލިފައިވާ ކަމަށެވެ.
ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 ޕަސަންޓް ބޮޑުވެފައިވާކަން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. ރޯދަ މަހަށް ދިވެހިން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އެކި ބާވަތްތަކުގެ އަގުތައް ކުރިއަށްވުރެ ބޮޑުވަމުންދާއިރު ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ރައްޔިތުންގެ ގިނަ ބަޔަކަށް އާމްދަނީ އިތުރު ކުރެވޭނެ މަގުތަކެއް ފެންނަން ނެތް ކަމަށް މި ގަރާރުގައި ވަނީ ބުނެފައެވެ.
ޖޫރިމަނާ އާއި އެހެނިހެން ނަންނަމުގައި ސަރުކާރަށް ދައްކަންޖެހޭ ފައިސާ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ. ގަރާރުގައި ވަނީ ރޯދަމަހަށް ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާފައެވެ.