ބޮޑު ކޯލިޝަނާއިއެކު މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަމުގެ ޔަގީންކަން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޞާލިހު ދެއްވުމަށްފަހު މިއަދު އެކީގައި ކުރިއަށްދާނެ ރަނގަޅު ބަޔަކު ނުވެ އެމްޑީޕީގެ އާންމު މެމްބަރުންނަށް ބޮޑު ލަގާއެއް ދީފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ބާރު އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށް، ކޯލިޝަން ހެދުމަށް އަމިއްލަ ވެރިކަމުގައި ތިބި ޕާޓްނަރުންނާއި ރައީސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ވެރިކަމުގެ ކޯލިޝަންގައި ހިމެނޭ ޕާޓްނަރުގެ ތެރެއިން ކޯލިޝަން ހެދުމަށް އެއްބަސްވީ އަދާލަތު ޕާޓީން އެކަންޏެވެ. އެމްޑީޕީއާއި ރައީސް ޞާލިހުގެ އެންމެބޮޑު އުންމީދަކަށްވި ޖުމްހޫރީ ޕާޓީން ވަނީ އިންތިޚާބުގައި ވާދަކުރުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.
މިކަމާއި ގުޅިގެން އިންތި ވިދާޅުވީ ރައީސް ޞާލިހު ވަނީ މީގެ ކުރިން ރަނގަޅު ކޯލިޝަނަކާއިއެކު އިންތިޚާބުގައި ވާދަކުރަން ތައްޔާރަށް ހުންނެވިކަމަށެވެ. ނަމަވެސް މިއަދު ފެނިގެން މިދަނީ މުޅިން އެހެން މަންޒަރެއް ކަމަށާއި، މިއަދު އެކީގައި ކުރިއަށްދާނެ ރަނގަޅު ބަޔަކު ނުވެ އާންމު މެމްބަރުންނަށް ބޮޑު ލަގާއެއް ލިބިފައިވާކަމަށް އިންތި ވިދާޅުވިއެވެ.
ކަނޑުމެދަށް ފަޅުވެރިން އެރުވީ މަންޒިލަށް ފޯރާނެ ވަރަށް ޕާޓްނަރުން ތެޔޮ ދޭނޭކަމުގެ ޔަޤީންކަންދިނުމަށްފަހު؛ ދެންވީ ގޮތަކީ ތެޔޮ ދޭނެ ޕާޓްނަރަކު ނުވި. ފަޅުވެރިންނަށް މިކަހަލަ ލަގާދޭން ހެޔޮވާނެތަ؟
– އިންތި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވިސްނުންފުޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަނަކާއެކު ވާދަކޮށް ވެރިކަމަށް ވަޑައިގަތުންކަމަށް މީޑިއާގައި މީގެކުރިން ދެއްކެވި ވާހަކަފުޅުތަކުގައި ވަނީ ހާމަކުރައްވާފައެވެ. ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވިއިރުވެސް ރައީސް ސާލިހު ވިދާޅުވެފައިވަނީ އެމްޑީޕީއަށް އަނެއްކާވެސް ވެރިކަން ލިބޭނީ ކޯލިޝަން ހަދައިގެންކަމަށެވެ. އެހެންކަމުން ޕާޓީތަކާއި މަޝްވަރާކޮށްގެން ކޯލިޝަން ހެދުމަށް ތައްޔާރަށް ހުންނެވިކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.
2018 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައިވެސް ކޯލިޝަން ހެދުމަށް އެމްޑީޕީ ޤައުމީ މަޖިލީހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އެ ބާރު ދެއްވިއެވެ. އަދި އެފަހަރުގެ އިންތިޚާބު އެމަނިކުފާނު ކާމިޔާބުކުރެއްވީ ގިނަ ޕާޓީތައް ހިމެނޭހެން ކޯލިޝަނަކާއެކުއެވެ. އެއީ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީއާއި، އެމްއާރުއެމްއެކު ހެދި ކޯލިޝަނަކެވެ.
ކޮމެންޓު ފޮނުވާ