މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެމް.ޕީ.އެލްގައި ކިޑްސް ކެއަރ ސެންޓަރެއް ޤާއިމްކޮށް ރަސްމީކޮށް ސެންޓަރު ހުޅުވައިފިއެވެ. .
އެމްޕީއެލްގައި ޤާއިމުކޮށްފައިވާ ކިޑްސް ކެއަރ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ.
ކިޑްސް ކެއަރ ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރައްޔިތުންނަށް އިޖްތިމާޢީ ހަމަޖެހުން ގެނެސްދިނުމަށާއި، އަންހެނުން ބާރުވެރިކުރުވުމަށާއި، ދުޅަހެޔޮ ޢާއިލާއެއް ބިނާކުރުމަށް ބާރުއެޅުމުގެ ސިޔާސަތުގެ ދަށުން ހުޅުވި ސެންޓަރެކެވެ.
ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން ހުޅުވި އެމް.ޕީ.އެލް ކިޑްސް ކެއަރ ސެންޓަރަކީ އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެތަނުގެ މުވައްޒަފުން ވަޒީފާގައި ހޭދަކުރާ ވަގުތުތަކުގައި އެމީހުންގެ ކުދިންނަށް ރައްކާތެރި އަދި ކުދިންނާ ގުޅޭ މާހައުލެއް ޤައިމުކޮށްދިނުމަށްޓަކައި ޤާއިމުކޮށްފައިވާ ސެންޓަރެކެވެ.
ނަމާދުކުރުމާއި ކިޔެވުމާއި މުނިފޫހިފިލުވުމާއި އަދި ނިދުމާއި ކެއުންފަދަ އިންތިޒާމުތައް ކުދިންނަށް ހަމަޖެހިފައިވާ މި ކިޑްސް ކެއަރ ސެންޓަރުގައި މިހާރުވެސް 12 ކުދިން ރަޖިސްޓްރީކޮށްފައިވެއެވެ. މި ތަނަކީ 30 އާއި 40 އާއި ދެމެދުގެ ޢަދަދެއްގެ ކުދިންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ ސެންޓަރެކެވެ. މިތަނުގެ ޚިދުމަތް އެމް.ޕީ.އެލް.ގެ މުވައްޒަފުންނަށް ހިލޭ ލިބިގެންދާނެއެވެ. މި ސެންޓަރު ހުޅުވިފައި ހުންނަނީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 7 އިން ރޭގަނޑު 7 އަށެވެ.
އެމް.ޕީ.އެލް.ގެ ކިޑްސް ކެއަރ ސެންޓަރު، ރަސްމީގޮތުން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ސެންޓަރު ބައްލައްވާލައްވައި އެތަނުގައި ތިބި ކުދިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްލައްވާފައެވެ.
އެމް.ޕީ.އެލްގައި ޚާއްސަ ކިޑްސް ކެއަރ ސެންޓަރެއް ޤާއިމުކޮށް ހުޅުވާފައިވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ސްޓެލްކޯގައިވެސް ވަނީ މިފަދަ ކިޑްސް ކެއަރ ސެންޓަރެއް ހުޅުވާފައެވެ.
ކޮމެންޓު ފޮނުވާ