ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދިވެހި ރާއްޖެއަށް ގެނެސްދެއްވި ތަރައްޤީގައި އަތްލެވި ފެންނަން ހުންނާނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ތަރައްޤީއަށް ރައީސް ޞާލިހު ކޮށްދެއްވަމުންދާ ކަންކަމާއި ގުޅޭގޮތުން ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖެއަށް ގެނެސްދެއްވާ ތަރައްޤީއަކީ އަތްލެވޭ އަދި ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަން ހުންނާނެ ތަރައްޤީއެއް ކަމަށެވެ.
ޝަރީފް މިސާލަކަށް ނެންގެވީ ރައީސް ޞާލިހު ގެނެސްދެއްވާ ތަރައްޤީ ތަކުގެ ތެރެއިން މިސަރުކާރުން ފެށި ހައިސްޕީޑު ފެރީގެ ނިޒާމުގެ ވާހަކައެކެވެ. ޝަރީފް ވިދާޅުވީ މިނިޒާމުގެ ސަބަބުން ރައްޔިތުންނަށް ހެޔޮ އަގުގައި އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ މަގު ފަހިވެ ހިތްފަސޭހަ އަވަސް ދަތުރެއް ކުރުމުގެ މަގު ފަހިވެފައިވާކަމަށެވެ.
ރައީސް އިބޫގެ ތަރައްޤީގައި އަތްލެވޭނެ ފެންނަން ހުންނާނެ، ދަތުރުފަތުރުގައި ސްޕީޑާއި ހިއްފަސޭހަކަން ހުންނާނެ، ބާލާލަން ރީތިވެފައި ހިދުމަތް ރަގަޅުވާނެ، ހިއްގައިމުވެފައި ޖީބައް ލުއިވާނެ.
– ޝަރީފް ވިދާޅުވިއެވެ.
ޤައުމީ ފެރީ ނިޒާމު ރާއްޖެ ގުޅާލުމަށް ކުރިޔަށްގެންދާ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ޚިދުމަތް ފެށީ ރާއްޖޭގެ އެންމެ އުތުރު 3 އަތޮޅުގައެވެ. ޒޯން އެކެއްގައި ހިމެނޭ 40 ރަށުގައި ޚިދުމަތް ދިނުމަށް 17 އުޅަނދު އަންނަނީ ބޭނުންކުރަމުންނެވެ. މިއުޅަނދުތައް ބަނދެފައިވަނީ ގަލްފްކްރާފްޓްސްއިންނެވެ. އަދި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ ފާދިއްޕޮޅުގައިވެސް ޤައުމީ ފެރީގެ ޚިދުމަތް ފަށާފައެވެ.
ބާކީ ހުރި ޒޯންތަކުގައި ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 65 ފެރީ ބަނުމަށް އަލްޝާލީ މެރިންސްއާއި ޙަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އުތުރާއި ފާދިއްޕޮޅުގެ ރަށްތައް އާރްޓީއެލްއިން ގުޅާލާފައިވާއިރު އެސަރަޙައްދުތަކުގައި ފެރީއަށް އޮންނަ ޑިމާންޑު ބޮޑުކަމަށް ޚިދުމަތް ދެމުން އަންނަ އެމްޓީސީސީއިން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ