ގާސިމް އެންމެ ފަހުން ރިޔާސީ ރޭހަށް! ސިޔާސީ ތިލަފަތުގެ މީޒާނަށް އަންނަ ކިހާވަރެއްގެ ބަދަލެއް؟

ގާސިމް އެންމެ ފަހުން ރިޔާސީ ރޭހަށް! ސިޔާސީ ތިލަފަތުގެ މީޒާނަށް އަންނަ ކިހާވަރެއްގެ ބަދަލެއް؟

Author
ހުސެއިން
15 މާރޗް 2023 09:07
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް 6 މަހެއްހާ ދުވަހަށް ވެފައިވާއިރު، ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ބަޔަކު އިންތިޒާރު ކުރަމުން ގޮސްފައިވަނީ، ރިޔާސީ އިންތިޚާބަށް ސިޔާސީ ޕާޓީތަކާއި، ޕާޓީތަކުގެ ލީޑަރުން ސަފުތައް ރުކުރުވާލާނެ ގޮތަކަށެވެ.

އަދި އޭގެ ތެރެއިންވެސް، ވަކީ ޚާއްސަ ގޮތެއްގައި، ފާއިތުވެދިޔަ ދުވަސްތަކުގައި ގިނަ ބައެއްގެ ޝައުގުވެރިކަން ހުއްޓިގެން ދިޔައީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭގޮތުން، ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ނިންމަވާނެ ނިންމެވުމަކަށެވެ. މިގޮތުން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން ގާސިމްގެ އެޑްވައިޒަރުންނާއި އަރިސް ބޭފުޅުންގެ އިތުރުން، ޚުދު ގާސިމް އަމިއްލަފުޅަށްވެސް ވަނީ ސިޔާސީ ޕާޓީތަކާއި އަދި ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާތައް ކުރައްވަމުން ގެންދަވާފައެވެ.

އެހެންނަމަވެސް ގާސިމް ރިޔާސީ އިންތިޚާބަށް ނިކުތުމަށް އަމިއްލަފުޅު ޕާޓީގެ ތެރޭގައި އޮތް ޕްރެޝަރާއެކީވެސް، މިހާތަނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއި ގުޅޭގޮތުން ސާފު ނިންމެވުމަށް ނިންމަވާފައި ނުވިނަމަވެސް، ރޭ ޖޭޕީން ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުން ވެގެންދިޔައީ ފާއިތުވެދިޔަ މުއްދަތުގައި، ރިޔާސީ ރޭހަށް ގާސިމް ނިކުންނެވުމާއި ގުޅޭގޮތުން ކުރެވެމުންދިޔަ ހީތަކާއި އަދި ދެކެވެމުންދިޔަ ވާހަކަތަކަށްވެސް ނިމުންއައި ބައްދަލުވުމުގެ ގޮތުގައެވެ.

މިގޮތުން ޖުމުހޫރީ ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް އެޕާޓީގެ ކައުންސިލްގެ ސާފު އައުލަބިއްޔަތުން ތާއީދުކޮށް، ކައުންސިލުން ނިންމި ނިންމުމާއެކު، މިހާރު ޔަގީންވެފަ އޮތް އެއްކަމަކީ އެޕާޓީގެ ކެނޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގައި ޕާޓީގެ ލީޑަރު ގާސިމް އިބުރާހިމް ވާދަ ކުރައްވާނޭކަމެވެ.

ގާސިމްގެ ނިންމެވުމާއެކު, ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމް ރައީސް ސާލިހާއެކު ކޯލިޝަން ނުހައްދަވާނޭކަން ވަނީ ޔަގީން ކުރެވިފަ

ހަމައެއާއެކު، ޔަގީންވެގެންދިޔަ އަނެއްކަމަކީ، ކުރިން ހީކުރެވުނުގޮތާއި ޚިލާފަށް، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖުމުހޫރީ ޕާޓީން ރައީސް ސާލިހާއެކު ކޯލިޝަން ނަހަދާނޭކަންވެސް މެއެވެ.

އެހެންކަމުން ރިޔާސީ އިންތިޚާބުގެ ކުރިން ސިޔާސީ ފޯމިއުލާ އެމުނި އެތުރެމުންދާ ގޮތަށް ބަލާއިރު، މިހާރު ބެލެވޭގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ވެގެންދާނީ، 4 ސިޔާސީ ޕާޓީއަކާއިއެކު 6 ކެނޑިޑޭޓަކު ވާދަކުރާނޭ އިންތިޚާބަކަށެވެ. އެއީ އެމްޑީޕީއާއި، އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްއެންޕީއާއި އަދި އޭގެ އިތުރުން މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި އިންތިޚާބުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން ކަމުގައިވާ އުމަރު ނަސީރުއާއި ޑރ. މުހައްމަދު މުނައްވަރެވެ.

 

ގާސިމްގެ ނިންމެވުމާއެކު ރައީސް ސާލިހަށް ބޮޑު ގޮންޖެހުމެއް!

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެށިގެންވެސް ރައީސް ސާލިހު ވިދާޅުވަމުން ގެންދަވާފައިވަނީ، އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަންއަކާއެކީ ކަމަށެވެ. ސަބަބެއްކަމުގައި ފެށުނީއްސުރެ ވިދާޅުވަމުން ގެންދަވާފައިވަނީ، ގިނިކަންޏާ ނިކުމެވަޑައިގެން ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވޭނެކަމަށް އެކަނިކްފާނު ގަބޫލު ކުރައްވާތީއެވެ.

މިގޮތުން މިހާތަނަށް އައިއިރު ރައީސް ސާލިހުވަނީ ކުރިޔަށްއޮތް ރިޔާސީ އިންތިޚާބަށް، ވެރިކަން ހިންގާ ކޯލިޝަންގައި މިހާރުވެސް އޮތް އަދާލަތު ޕާޓީގެ އިތުރުން ސަންޓަރަވަލް ސިޔާމް އިސްވެ ހިންގަވާ އެމްޑީއޭއާއެކީ ކޯލިޝަން ހައްދަވާފައެވެ.

އެހެންނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޕާޓީތަކުން އަދާކުރަމުންދާ ދައުރާއި އޮތް ނުފޫޒަށް ބަލާއިރު، މި ދެ ޕާޓީއަކީ ރައީސް ސާލިހަށް ވޯޓުން މާބޮޑު ތަފާތެއް ދައްކުވައި ދެވޭނެ ދެޕާޓީ ނޫންކަމުގައި ގިނަބަޔަކު ގަބޫލުކުރެއެވެ. ނަތީޖާއެއްގެ ގޮތުން، ރިޔާސީ އިންތިޚާބަށް އަމާޒުކޮށް ރައީސް ސާލިހު އެކުލަވާލައްވާނެ ކޯލިޝަނެއްގައި ޖުމުހޫރީ ޕާޓީ ބައިވެރި ކުރެވޭނެ ފޯމިއުލާއެއް ސަރުކާރަށް ނެރުއްވޭނެކަމަށް ގިނަ ބަޔަކު ދިޔައީ އުއްމީދު ކުރަމުންނެވެ.

އޭގެ އެންމެ މުހިންމު އެއް ސަބަބަކީ، ޖުމުހޫރީ ޕާޓީއަކީ ސިޔާސީ އެކްޓިވިސްޓުންގެ އަދަދުން ބަލާއިރު ނުފޫޒު ގަދަ ޕާޓީއަކަށް ނުވިނަމަވެސް، އެޕާޓީގައި ތިއްބެވި ސިޔާސީ މީހުންގެ ނުފޫޒާއި، އަދި ސިޔާސީ މަސްރަހުގައި އެ ޕާޓީގެ ލީޑަރު އަބަދުވެސް އަދާކުރައްވަމުން ގެންދަވާފައިވާ ދައުރުގެ މުހިންމުކަމެވެ. އަދި ފާއިތުވެދިޔަ ހުރިހާ އިންތިޚާބެއްގައިވެސް ގާސިމް އިބުރާހިމް އަދާ ކުރައްވާފައިވާ ދައުރުގެ މުހިންމުކަން އެ އިންތިޚާބުތަކުން ސާފުވާން އޮތުންވެސްމެއެވެ.

ރައީސް ސާލިހުގެ ފަރާތުން ކުރި މަޝަވަރާތަކާއެކުވެސް ގާސިމް ވަނީ ސަރުކާރު ކޯލިޝަނަށް އޮންބޯޑު ނުކުރެވިފަ

މިގޮތުން ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ގާސިމް އޮންބޯޑު ކުރުމަށް ރައީސް ސާލިހުގެ ފަރާތުން ގިނަގުނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ މަންޒަރުވެސް ވަނީ ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް، އަދި ޚުދު ގާސިމް އިބުރާހިމް އަމިއްލަފުޅަށް ރައީސް އޮފީހަށް ވަޑައިގެން ރައީސް ސާލިހާއެކީ ބޭއްވެވި މަޝްވަރާތަކާއެކުވެސް، ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމާއެކު، މިހާރު ގިނަ ބަޔަކު ގާސިމްގެ ނިންމެވުން މޭރުން ކުރަމުންދަނީ، އެއީ ރައީސް ސާލިހަށް ކުރިމަތިވެެގެންދާނޭ ބޮޑު ގޮންޖެހުމެއްގެ ގޮތުގައެވެ.

އަދި ވަކީން ޚާއްސަކޮށް، އެމްޑީޕީގެ އެތެރޭގައި އޮތް ސިޔާސީ ބައިބައިވުންތަކާއެކު އެމްޑީޕީ ދެބަޔަކަށް ބެހި، ނަޝީދުގެ ތާއީދާނުލާ، އަދި މިހާރު އޮތް ސަރުކާރު ހިންގާ ކޯލިޝަންވެސް ރޫޅި، ހަމައެކަނި އަދާލަތު ޕާޓީއާއި އެމްޑީއޭ ހިމެނޭ ކޯލިޝަންއަކާއެކު ރައީސް ސާލިހު ރިޔާސީ ރޭހަށް ނިކުންނަވަން ޖެހިވަޑައިގެންނެވުމަކީ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައިވެސް ގިނަބަޔަކު ދަނީ މިއައި ބަދަލު ސިފަކުރަމުންނެވެ.

 

ފިކުރެއްގެ ދިރުމުން ގާސިމްއާއި ބައިއަތު ހިފުން!

ޖުމުހޫރީ ޕާޓިން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ނިންމުމާއެކު، އެމްޑީޕީގެ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުގެ ޕީޖީ ގުރޫޕުގެ ކުއްލި ބައްދަލުވުމެއް ރޭގެ ވަގުތެއްގައި ބާއްވާފައިވެއެވެ. މި ބައްދަލުވުމުގައި ނަޝީދަށް ތާއީދުކުރާ މެމްބަރުންވަނީ ޖުމުހޫރީ ޕާޓީގެ ކައުންސިލްގެ ނިންމުމަށް ތާއީދުކޮށް ވާހަކަ ދައްކަވާފައެވެ.

އަދި މި ބައްދަލުވުމުން ވަނީ، ޖުމުހޫރީ ޕާޓީއާއެކީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފެށުމަށް ނިންމާ، އަދި އެޕާޓީގެ ޕާލަމެންޓްރީ ގުރޫޕާއެކީ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕެއް ހެދުމަށްވެސް ނިންމާފައެވެ. ގަބޫލުކުރެވޭ ގޮތުގައި، ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމަކާއެކު، "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުން ގާސިމް އިބުރާހިމްއާއި ބައިއަތު ހިފާނެއެވެ.

އެހެންކަމުން ގަބޫލުކުރަންޖެހޭ އެއް ހަގީގަތަކީ، ރައީސް ނަޝީދު އިސްވެސް ހުންނެވި "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތުން ގާސިމް އިބުރާހިމްއާއި ބައިއަތު ހިފައިފި ހާލަތެއްގައި، ނަޝީދަށް އެމްޑީޕީގައި އޮތް ތާއީދާއެކީ، ގާސިމްގެ ރިޔާސީ ކެމްޕޭނަށް ބޮޑު ކުރިއެރުމެއް އަންނާނޭކަމެވެ.

މިހާރު ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތާއި ގާސިމް ރިޔާސީ އިންތިޚާބަށް ނުކުންނަވާނީ އެއް ކޯލިޘަނެއްގެ ގޮތުގައި

އެއާއެކީ، ގަބޫލުކުރެވޭ ގޮތުގައި، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ފެނިގެންދާނީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 6 ކެނޑިޑަކު ވާދަކުރާ، އެހެންނަމަވެސް ވަރުގަދަ ތިންބާރެއްގެ ގަދަ ހިފުމެއްގެ ގޮތުގައެވެ. އެއީ ސަރުކާރު ކޯލިޝަންގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ގާސިމް-ނަޝީދު ކޯލިޝަންގެ ގަދަ ހިފުމެއްގެ ގޮތުގައެވެ.

ނަތީޖާއެއްގެ ގޮތުން، އޮތް ވާދަވެރިކަމާއި ތާއީދަށް ރަގަޅަށް ނަޒަރެއް ހިންގާލާއިރު، މި ގަދަހިފުމުން ކާމިޔާބު ލިބިގެންދާނެ ފަރާތެއް ވަޒަންކޮށްލުން އަދި ފެންނަނީ ވަރަށްވެސް އުދަގޫ ނިންމުމެއްގެ ގޮތުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.