މަސައްކަތުގެ މާހައުލުގެ ޞިއްހީ ރައްކާތެރިކަމާއި ބެހޭ ބިލު ބަލައިގެންފި

މަސައްކަތުގެ މާހައުލުގެ ޞިއްހީ ރައްކާތެރިކަމާއި ބެހޭ ބިލު ބަލައިގެންފި

Author
އަޒްފާ ރަޝީދު
14 މާރޗް 2023 04:01
0

ސިއްހީ ރައްކާތެރިކަމާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއިބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ. ބިލު ބަލައިގަތުމަށް 57 މެންބަރުން ވޯޓު ދެއްވިއެވެ. ބިލު މަޖިލީހަށް ބަލައިގަތުމުން ދިރާސާކުރުމަށް ވަނީ އިޖުތިމާއީ ކޮމެޓީއަށް ފޮނުވާފައެވެ. ރައްޔިތުންގެ މަޖިލީހަށް މި ބިލު ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.

ބިލު ހުށަހެޅުމުގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި މަސައްކަތްތެރިން މަސައްކަތްކުރާ މާހައުލުގެ ސަލާމަތްތެރިކަމާއި މަސައްކަތްތެރިންނާއި މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވާ އެނޫންވެސް ފަރާތްތަކުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަމަހަމަ އަދި ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކޮށްދެވޭ ފަދަ ގާނޫނީ އޮނިގަނޑެއް ގާއިމުކުރުން ކަމަށެވެ.

އެ ގޮތުން މަސައްކަތްތެރިންގެ ސިއްހަތާއި ސަލާމަތާ ގުޅޭ ގޮތުން ނިންމާ ނިންމުންތަކާއި ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ބަސްބުނުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ހޯދައިދޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. އަދި މަސައްކަތު މާހައުލުގައި މަސައްކަތްތެރިންނަށް ލިބޭ އަނިޔާ އާއި ގެއްލުންތަކަށް ބަދަލުދެވޭނެ ނިޒާމެއް ކަނޑައެޅުން ހިމެނެ އެވެ.

ބިލުގައިވާ ގޮތުން ވާކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު އެޑްވައިޒަރީ ކައުންސިލެއް އުފައްދަން ޖެހޭނެ އެވެ. އެގޮތުން ބިލު ގާނޫނަކަށް ވެއްޖެނަމަ އަމަލުކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި 13 މެންބަރުންގެ ކައުންސިލެއް އުފައްދަން ޖެހެ އެވެ. އެ ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ގުޅޭ ގޮތުން ވަޒީފާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކުރެވިފައިވާ ވުޒާރާގެ މިނިސްޓަރަށް ފަންނީ ލަފަޔާއި އިރުޝާދު ދިނުން ހިމެނެ އެވެ.

ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި މިނިސްޓަރަށް ލަފާ ދިނުމާއި މަސައްކަތުގެ މާހައުލާ ގުޅުންހުރި މަރު އަދި އަނިޔާތަކުގެ ތަފާސްހިސާބު ދިރާސާކުރުން ހިމެނެއެވެ.

މަސައްކަތުގެ ތެރޭގައި މަސައްކަތްތެރިއަކަށް ހާނީއްކައެއް ނުވަތަ އަނިޔާއެއް ވެއްޖެނަމަ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުމަށް ބޭނުންވާ އެކަށީގެންވާ ސިއްހީ ފަރުވާއާއި ހިދުމަތް ނުވަތަ ލިބުނު ގެއްލުމަކަށް ފަރުވާކުރެވޭނެ ވަސީލަތްތައް އިތުރު އަގެއް ނެގުމަކާ ނުލައި މަސައްކަތްތެރިންނަށް ހަމަޖައްސައިދޭން ވާނެ ކަމަށް ހިމަނާފައިވެއެވެ.

ގާނޫނުގެ ދަށުން ހަދާ އެއްވެސް ސެޓްފިކެޓެއްގެ ސައްހަ ނޫން ކޮޕީއެއް ހަދައިފިނަމަ ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 5،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. މީގެއިތުރުން ގާނޫނާ ހިލާފުވާ ފަރާތްތައް ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 1،000 ރުފިޔާ އާއި 25،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.

ގާނޫނާ ހިލާފުވާ ފަރާތްތަކުން އެކުރި އަމަލެއް ކުރުންމަތީ ދެމިހުރެއްޖެނަމަ ކުށްކުރުމުގައި ދެމިހުރި މުއްދަތަށް ދުވާލަކަށް 5،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ހިމަނާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.