ވަޒީފާއާބެހޭ ގާނޫނަށް ގެނެވުނު އާ އިސްލާހުގެ ދަށުން، ވަޒީފާ އަދާކުރާ މައިންނަށް ދަރިފުޅަށް ދެ އަހަރު ފުރެންދެން ކުއްޖާ ބެލެހެއްޓުމަށް ހުސްވަގުތު ލިބޭގޮތަށް ހަމަޖެހުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އެކަމަށް ނުހަނު ހޫނު މަރުހަބާއެއް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ވިދާޅުވީ، މިއީ އަންހެނުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކަށް ލިބުނު ވަރަށް ބޮޑު ހައްލެއް ކަމަށެވެ. އަދި މިއީ އާއިލީ ޒިންމާތަކާއި މަސައްކަތް އެއްހަމައެއްގައި ކުރިއަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވައި، މީގެ ސަބަބުން މައިންގެ ދުޅަހެޔޮކަން އިތުރުވެ، މެދުނުކެނޑި ގާތުން ކިރުދިނުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ކާނާގެ މިންގަނޑުތައް ހާސިލުކުރުމަށްވެސް ލިބޭނެ ބޮޑު އެހީތެރިކަމެއްކަމަށް އެކަމަނާ ސިފަކުރެއްވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ވަޒީފާއާބެހޭ ގާނޫނަށް 9 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އިސްލާހުގައިވާ ގޮތުން، ވިހެއުމާ ގުޅިގެން ލިބޭ ޗުއްޓީ ހަމަކުރުމަށްފަހު ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން، ދަރިފުޅަށް ދެ އަހަރު ފުރެންދެން ކުއްޖާ ބެލުމަށް މައިންނަށް މަސައްކަތު ގަޑީގައި ހާއްސަ ވަގުތުތަކެއް ދޭންޖެހޭނެއެވެ.
މައިންނަށް ދެވުނު މި ލުޔާއެކު، މި ބިލުގައި އިތުރު މުހިންމު ކަންތައްތަކެއްވެސް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކޯޓާ ފީއިން އިސްތިސްނާކުރެވޭނެ މަގުފަހިކޮށްދިނުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެކަމަށް ކަނޑައެޅުމާއި، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައެޅުން ހިމެނެއެވެ.
ކޮމެންޓު ފޮނުވާ