ތެލެސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެޗްޑީސީގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރު އަބްދުލްމުއިއްޒު ހަސަން މިއަދު ނިޔާވެއްޖެއެވެ.
އޭނާ ނިޔާވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު، ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ. މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އިންޑިއާގެ ބެންގަލޫރުގައި އޭނާ ވަނީ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.
ތެލެސީމިއާ ބަލިމީހުންގެ ހައްގުގައި އަޑުއުފުލާ، އެ ފަރާތްތަކަށް ބޭނުންވާ ފަރުވާ ހޯދުމަށް ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މުއިއްޒު ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަންކަމުގެ އިތުރުން އެ ޖަމިއްޔާގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރެއްގެ ގޮތުގައިވެސް އޭނާ ވަނީ މުހިންމު ހިދުމަތްތަކެއް ކޮށްދެއްވާފައެވެ. މީގެ އިތުރުން، އެންމެ ފަހުން އޭނާ އަދާކުރައްވަމުން ގެންދެވީ އެޗްޑީސީގެ އެސިސްޓެންޓް ޕްރޮޖެކްޓް މެނޭޖަރުކަމުގެ މަގާމާއި އެ ކުންފުނީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްކަމެވެ.
މުއިއްޒު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފުން ހިތާމަފާޅުކުރައްވައި، މަރުހޫމްގެ އާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންގެ އިތުރުން އެޗްޑީސީގެ މުވައްޒަފުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި، މާތްﷲގެ ތަނަވަސް ރަހްމަތާއި ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރުހޫމް އަބްދުލްމުއިއްޒު ލެހެއްޓެވުން އެދި ދުއާކުރައްވާފައިވެއެވެ.
ކޮމެންޓު ފޮނުވާ