މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ތެލުގެ ދަތިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ސްރީލަންކާގެ ސަރުކާރު އޮފީސްތަކާއި ސްކޫލްތަކާއި ޔުނިވަސިޓީތައް ހަފުތާއަކު ހަތަރު ދުވަހު ހުޅުވާ ގޮތަށް އެ ގައުމުން މިއަދު ނިންމައިފި އެވެ.
ރައީސް އަނޫރާ ކުމާރަ ދިސާނަޔަކަ އިސްކޮށް ހުންނަވައިގެން ބޭއްވި ކުއްލި ބައްދަލުވުމަކަށްފަހު، ކޮމިޝަނަރު ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް ޕްރަބާތު ޗަންދްރަކީރްތީ ވިދާޅުވީ، މާދަމާއިން ފެށިގެން ކޮންމެ ބުދަ ދުވަހަކީ ބަންދު ދުވަހެއް ކަމަށެވެ. އަދި އަމިއްލަ ވިޔަފާރިތަކުންވެސް މި އުސޫލަށް އަމަލުކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފަ އެވެ. ނަމަވެސް ހޮސްޕިޓަލްތަކާއި ބަނދަރުތައް ފަދަ ޒަރޫރީ ހިދުމަތްތައް އާންމު އުސޫލުން މެދުކެނޑުމެއްނެތި ކުރިއަށްދާނެ އެވެ.
މި ކުއްލި ފިޔަވަޅު އަޅާފައިވަނީ އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ 20 އިންސައްތަ ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅި އީރާނުން ބަންދުކުރުމާ ގުޅިގެންނެވެ. މިއާއެކު، ބޭނުންވާ ހުރިހާ ތެލެއް ބޭރުން އެތެރެކުރާ ލަންކާއިން މިހާރު ވަނީ ތެޔޮ ކޮންޓްރޯލްކޮށްގެން ދޫކުރަން ފަށާފަ އެވެ. އެގޮތުން އާންމު އުޅަނދުތަކަށް ހަފުތާއަކު 15 ލީޓަރުގެ ޕެޓްރޯލް ނުވަތަ ޑީސަލް ދޫކުރާއިރު، އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކަށް ދޫކުރަނީ ގިނަވެގެން 200 ލީޓަރެވެ.
ރައީސް ދިސާނަޔަކަ ވަނީ މި ދަތިތައް ދިގުލައިގެން ހިނގައިދާނެ ކަމަށް ބަލައި، އެންމެ ގޯސް ހާލަތަށް ތައްޔާރުވުމަށް ކަމާބެހޭ އޮފިޝަލުންނަށް އަންގަވާފަ އެވެ. ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ލަންކާގައި މިހާރު ހުރީ ކުރިއަށް އޮތް ހަ ހަފުތާއަށް ބޭނުންވާ ވަރުގެ ތެލުގެ ރިޒާވެކެވެ. 2022 ވަނަ އަހަރުގެ ބޮޑު އިގްތިސާދީ ކާރިސާއިން އަރައިގަންނަމުންދާ ލަންކާއަށް، މިކަމުގެ ސަބަބުން އިތުރު އިގްތިސާދީ ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު މާހިރުން އަންނަނީ ދެމުންނެވެ.
ކޮމެންޓު ފޮނުވާ